މުނިފޫހިފިލުވުން

ސިދޫ މަރާލުމުން ސަލްމާނުގެ ސެކިއުރިޓީ ވަރުގަދަކޮށްފި


އިންޑިއާގެ ޕަންޖާބުގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ސިދޫ މޫސް ގަޔަށް ބަޑި ޖަހާ މަރާލީ މިދިޔަ އާދިއްތަ ދުވަހުއެވެ. އޭނާގެ ހަށިގަނޑުން 30 ވުރެ ގިނަ ވަޒަން ވަނީ ނަގާފައެވެ. އޭނާ މަރާލީ އިތުރު ދެ ރައްޓެހިންނާއިއެކު ކާރުގައި އަމިއްލަ އަވަށަށް ދަތުރުކުރަނިކޮށެވެ. މި މަރުގެ ތުހުމަތުތައް ކުރަނީ ގޭންގްސްޓާ ލޯރެންސް ބިސްނޯއީއަށެވެ.

ސިދޫގެ މަރާއެކު ބޮލީވުޑް ސުޕަސްޓާ ސަލްމާނުޚާނުގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފައެވެ. ސަލްމާނުގެ އެޕާޓްމަންޓް ވަށައިގެން ސިފައިން ފޯރިމަރަން ތިބެންވެސް މިހާރު ވަނީ ފަށާފައެވެ. ބުނެވޭ ގޮތުން ސަލްމާންގެ ސެކިއުރިޓީ މިހާ ވަރުގަދަ މި ކުރީ އޭނާއަކީވެސް ލޯރެންސްގެ ރާޑަރަށް އަރާފައި ހުރި މީހަކަށްވީމައެވެ. ލޯރެންސް ސަލްމާނަށް އިންޒާރު ދީފައިވަނީ އިންޑިއާގައި ހިމާޔަތްކޮށްފައިވާ ޖަނަވާރެއްކަމަށްވާ ބްލެކްބަކްސްގެ ގަޔަށް ބަޑި ޖަހާ މަރާލުމުންނެވެ.

ޖޯދުޕޫރުގައި ސަލްމާނު މަރާލާނެކަމަށް މީގެކުރިން ލޯރެންސް ވަނީ ބުނެފައެވެ. ލޯރެންސްގެ ޖަމާއަތުން ދެކޭގޮތުގައި ބްލެކްބަކްސް އަކީ ވަރަށް މާތް ޖަނަވާރެކެވެ.

1972 ވަނަ އަހަރު އާންމުކޮށްފައިވާ "ވައިލްޑް ލައިފް ޕްރޮޓެކްޝަން އެކްޓް" ގެ ދަށުން ބްލެކްބަކްސް ޝިކާރަކުރުމަކީ މަނާކަމެކެވެ.
ސިދޫގެ މަރާއިގުޅިގެން މިހާތަނަށް ހަ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.