ޖަރުމަން ލީގުގެ ޗެމްޕިއަން ބަޔާން މިޔުނިކަށް ކުޅޭ ޕޯލަންޑުގެ ތަޖުރިބާކާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީ، އެ ކުލަބު ދޫކޮށް ދާން ބޭނުންވާކަން ހާމަކޮށްފިއެވެ.
ލެވަންޑޯސްކީ ހާމަކުރިގޮތުގައި ބަޔާންގެ ވާހަކަ މިހާރު ނިމިއްޖެ ކަމަށާއި، މިއަންނަ ސީޒަންގައި އެކްލަބގައި މަޑު ކުރަން ބޭނުން ނުވާކަމަށެވެ.
މިވަގުތު ޕޯލަންޑް ޤައުމީ ޓީމާއެކު ފަރިތަކުރަމުންދާ ލެވަންޑޯސްކީ ހާމަކުރިޮތުގައި ވޭތުވެދިޔަ ދެތިންމަސް ތެރޭގައި ހިނގާފައިވާ ކަންތައްތަކަށް ބަލާލާއިރު ބަޔާންގައި އިތުރަށް މަޑުކުރާތަން އޭނާއަށް ނުފެންނަކަމަށެވެ. ބަޔާން އާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވާން އެއްއަހަރު ބާކީ އިރު ބަޔާންގެ ސްޕޯޓްސް ޑިރެކްޓަރ ހަސަން ސަލީހަމިޑްޒިޗް މިމަހުގެ ކުރީކޮޅު ހާމަކުރިގޮތުގައި އެކްލަބް ދޫކޮށް ދާން އެދޭކަން ލެވަންޑޯސްކީ ހިއްސާ ކޮށްފައިވާކަމަށެވެ.
މައުލޫމާތު ލިބޭގޮތުގައި ލެވަންޑޯސްކީ ގެންދިއުމަށް ބާސެލޯނާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. ލެވަންޑޯސްކީ ހާމަކުރިގޮތުގައި މިވަގުތަށް ބަލާއިރު ބަޔާން އަށާއި އޭނާއަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެހެން ކްލަބަށް ޓްރާންސްފަރ ވުން ކަމަށެވެ.
ލެވަންޑޯސްކީ ބަޔާންއަށް ބަދަލުވެފައިވަނީ 2014 ވަނަ އަހަރު ވާދަވެރި ބޮރޫޝިއާ ޑޯޓްމުންޑްއިންނެވެ. އަދި މިމުއްދަތުގެ ތެރޭގައި އޭނާވަނީ ޖަރުމަން ލީގުގެ ތަށި 8 ފަހަރު ބަޔާން އާއެކު އުފުލާލާ ޗެމްޕިއަންސް ލީގުގެ ތަށިވެސް ކާމިޔާބުކޮށްފައެވެެ. މިސީޒަންގައި އޭނާވަނީ 46 މެޗްގައި 50 ލަނޑު ބަޔާންއަށް ޖަހާދީފައެވެ. އަދި މިވީ އަށް އަހަރުގެ ތެރޭގައި 375 މެޗްގައި 344 ލަނޑު ޖަހާފައިވެއެވެ.