ޗެލްސީގެ މިލްކުވެރިކަން ރަޝިޔާގެ މަހުޖަނު ރޯމަން އަބްރަމޮވިޗުން އެމެރިކާގެ އިންވެސްޓަރު ޓޮޑް ބޯލީ އިސްވެ އެކުލަވާލާފައިވާ ކޮންސޯޓިއަމުގެ ނަން މައްޗަށް ބަދަލުކުރުމުގެ މަސައްކަތް ފުރިހަމަކޮށްފިއެވެ.
އެހެން ކަމުން މިހާރު ޗެލްސީ އާއި އަބްރަމޮވިޗް އާއި ދެމެދު އެއްވެސް ގުޅުމެއް ނެތެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި އަބްރަމޮވިޗް ޗެލްސީ ވިއްކާލާފައިވަނީ ހަތަރެއް ޕޮއިންޓް ދޭއް ފަހެއް ބިލިއަން ޕައުންޑަށެވެ. ނަމަވެސް މިވިޔަފާރި ކުރިއަށް ގެންދިއުމުގެ ހުއްދަ އިނގިރޭސި ސަރުކާރުން ދީފައިވަނީ މިވިޔަފާރީގެ ދަށުން ލިބޭ އެއްވެސް ފައިސާއެއް އަބްރަމޮވިޗްއަށް ނުދާނެކަމުގެ ޔަގީންކަން ލިބުމުންނެވެ. ޗެލްސީ ވިއްކާލާކަން އަބްރަމޮވިޗް އާންމު ކޮށްފައިވަނީ މިއަހަރުގެ މާރޗް މަހުގެ ތެރޭގައެވެ. އެއީ ރަޝިޔާއިން ޔޫކްރެއިން އަށް އަރާފައިވާއިރު ރަޝިޔާގެ ރައީސް ވްލަޑްްމިއަރ ޕޫޓިންގ އާއި ގާތް ގުޅުމެއް އޮތުމާއި ގުޅިގެން އިނގިރޭސި ސަރުކާރުން އޭނާ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އުޅޭތީއެވެ. މިކަމާއި ގުޅިގެން ރެއާއި ހަމައަށް ޗެލްސީގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ހުރިހާ ކަމެއް އެކްލަބުން ކުރަމުން އައިސްފައިވަނީ އިނގިރޭސި ސަރުކާރުން ދީފައިވި ހާއްސަ ހުއްދައެއްގެ ދަށުންނެވެ.
ބޮއެލީ ހާމަކުރިގޮތުގައި ޗެލްސީ އާއި ހަވާލުވުމަކީ އޭނާއަށް ލިބިގެންދާ ޝަރަފެއް ކަމަށާއި ބޭނުންވަނީ ކްލަބްގެ ސަޕޯޓަރުން ފަހުރުވެރިކޮށްލަންކަމަށެެވެ. ބޮއެލީ އިސްވެ އެކުލަވާލި ކޮންސޯޓިއަމްއިން ވަނީ މިކަމަށް ވާދަކުރި އެހެން އެގާރަ ފަރާތަކާއި ވާދަކޮށް ބިޑް ކާމިޔާބުކޮށްފައެވެ.
އަބްރަމޮވިޗް ޗެލްސީ ގަނެފައިވަނީ 2003 ވަނަ އަހަރު 140 މިލިއަން ޕައުންޑްގެ އަގަކަށެވެ. އަދި އޭނާގެ ބެލުމުގެ ދަށުން ޗެލްސީ ވަނީ ޗެމްޕިއަންސް ލީގުގެ ތަށި ދެފަހަރު، ޕްރިމިއަރ ލީގާއި އެފް އޭ ކަޕްގެ ތަށި ފަސް ފަހަރު، ޔޫރޮޕާ ލީގުގެ ތަށި ދެފަހަރު އަދި ލީގު ކަޕްގެ ތަށި ތިން ފަހަރު ކާމިޔާބުކޮށްފައެވެ. އަދި ކުޅުންތެރިން ގަތުތަށް 2 ބިލިއަން ޕައުންޑް ހޭދަކޮށްފައިވެއެވެ. މީގެއިތުރުން ޗެލްސީ ވިމެން އިން ވަނީ ވިމެންސް ސުޕަރ ލީގުގެ ތަށި ފަސް ފަހަރު އަދި އެފް އޭ ކަޕްގެ ތަށި ހަތަރ ފަހަރު ކާމިޔާބުކޮށްފައެވެ. ޗެލްސީ ވިއްކާލުމަށް އެއްބަސްވުމަކަށް އާދެވުމާއެކު އަބްރަމޮވިޗްވަނީ ޗެލްސީގެ ބަލަދުވެރިކަން އާފަރާތަކާއި ހަވާލުކުރާއިރު އެފަރާތަށް ފުރިހަމަ ކާމިޔާބީއަށް ދަނޑު މައްޗާއި ދަނޑު ބޭރުން ލިބުމަށް އެދޭކަމަށް ހާމަކޮށްފައެވެ. އަދި ޗެލްސީ ބެލެހެއްޓުން ވެގެންގޮސްފައިވަނީ އޭނާ މުޅިއުމުރަށް ލިބިގެންދިޔަ ޝަރަފެއްގެގޮތުގައި ކަމަށާއި އެގޮތުން ކްލަބްގެ އެހާރާއި މިހާރުގެ ހުރިހާ ކުޅުންތެރިންނަށާއި މުވައްޒަފުންނަށާއި އަދި ވަކިން ހާއްސަކޮށް ކްލަބްގެ ހުރިހާ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައިވެއެވެ.