ޚަބަރު

ކުނި މެނޭޖްކުރުމަށް ގްރީން ޓެކްސްގެ އެހީ!


ރާއްޖޭގެ ބައެއް ރަށްރަށުގައި ކުނި، އޭގެ އެންމެ އެދެވޭ ގޮތުގައި މެނޭޖް ނުކުރެވުމަކީ އެރަށްރަށުގެ ރަށްވެހިން ކަންބޮޑުވާ މައްސަލައެކެވެ. އެގޮތުން ކ.މާފުއްޓަށް ދިމާވެފައިވާ ކުނި މެނޭޖްކުރުމުގެ މައްސަލައަކީވެސް އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ.

މާލެ އަތޮޅު މާފުއްޓަކީ ގެސްޓްހައުސް ވިޔަފާރި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށެކެވެ. އެހެން ރަށްރަށާ އަޅާބަލާއިރު މާފުށިން އުފައްދާ ކުނީގެ އަދަދު އެއްދުވަހުން އަނެއްދުވަހަށް އަންނަނީ އިތުރުވަމުންނެވެ. ގިނަ ޢަދަދެއްގެ ފަތުރުވެރިން ޒިޔާރާތްކުރާ ރަށަކަށް އެރަށް ވުމާއެކު ރަށުގެ ސާފުތާހިރުކަމަކީވެސް ރައްޔިތުންނަށް ވަރަށްމުހިންމު ކަމެކެވެ.

މާފުށީގައި މިހާރު ކުނި މެނޭޖްކުރުމުގެ ގޮތުން އަންނަނީ ކުނި އަންދަމުންނެވެ. ނަމަވެސް މިއީ އެކަމުގެ ސަބަބުން ރަށު ރައްޔިތުންނަށް ތަކުލީފުތަކާއި ކުރިމަތިލާންޖެހޭ ކަމެކެވެ. އަދި މިކަމާގުޅިގެން ރައްޔިތުންގެ ޝަކުވާތައް މާފުށި ކައުންސިލަށް ލިބެމުންދާކަމަށްވެސް އެކައުންސިލުން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން މާފުށި ކައުންސިލްގެ ރައީސް ހަސަން ޞަލާހް ވިދާޅުވީ، މާފުށީގައި ކުނި މެނޭޖްކުރުމަށްޓަކައި ސްޓެލްކޯއާ ގުޅިގެން ކުނި މެނޭޖްކުރުމުގެ މަޝްރޫޢެއް ކުރިއަށްއޮތްތާގައި ފެށުމަށް ނިންމާފައިވާކަމަށެވެ. ސްޓެލްކޯއިން މާފުށީގައި ކުނި މެނޭޖްކުރަން ފެށުމާއެކު ކުނި އެންދުމުގެ ކަންކަން ހުއްޓުމަކަށް އަންނާނެކަމަށާ، ކުނި ވަކިކޮށް ގޭބީސީތަކުން ކުނި އެއްކުރުން ކުރިއަށްދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މާފުށި ކައުންސިލްގެ ރައީސް ވިދާޅުވީ މާފުއްޓަށް ދިމާވެފައިވާ ކުނި މެނޭޖްކުރުމުގެ މައްސަލަ ހައްލުކުރުމަށް މީގެ ކުރިންވެސް މަސައްކަތްކޮށްފައި ވާކަމަށެވެ. އެގޮތުން ގެސްޓްހައުސް ވިޔަފާރިން ގްރީން ޓެކްސް ދެއްކުމުގެ އިތުރުން، އިތުރު ފީއެއް ނަގައިގެން ރަށުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރުމަށް ތަފާތު ގޮންޖެހުންތައް ދިމާވިކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އަގުގެ މައްސަލާގައި އެކަން ނުކުރެވި ލަސްވެގެން ދިޔައީކަމަށާއި ރަށުގައި ކުނި މެނޭޖްކުރެވޭނެ ވަސީލަތްތައް ނެތުމުގެ ސަބަބުން ހުރަސްތަކެއް އެބަހުރިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ކުރިން މިމަސައްކަތަށް އަޅުގަނޑުމެންނަށް ލިބުނު ޕްރޮޕޯސަލްގެ އަގަކީ ގެސްޓްހައުސްތަކަށް އަތްފޯރާފަށުގަ ހުރި އަގެއް ނޫން. ގްރީން ޓެކްސް ދައްކަމުން އިތުރު ފީއެއް ދައްކަންޖެހުމުން އެބޭފުޅުންގެ ކަންބޮޑުވުންތައް ހުރި. އެހެންނަމަވެސް މިހާރު އެ ފީ ވަނީ ކުޑަކޮށްދީފައި" ހަސަން ޞަލާހް ވިދާޅުވިއެވެ.

ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީން ބައެއް ރަށު ކައުންސިލްތަކަށް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ލާމަރުކަޒީ ޤާނޫނަށް އެންމެ ފަހުން ގެނައި އިޞްލާހުގައި ވަނީ ދައުލަތުގެ ބަޖެޓުން ބްލޮކް ގްރާންޓްގެ ގޮތުގައި ކައުންސިލްތަކަށް %5 ކަނޑައަޅާފައެވެ.

ކައުންސިލްތަކުން ރައީސަށް ހުށައެޅުއްވީ އެ ޢަދަދު %8 އަށް އިތުރުކޮށްދެއްވުމަށެވެ. އަދި އެ ރަށަކުން ނެގޭ ގްރީން ޓެކްސްގެ %50 އެރަށަކަށް ލިބުމުގެ މުހިންކަންވެސް ކައުންސިލްތަކުން ފާހަގަކޮށް އެކަންވެސް ހުށައެޅިއެވެ. ކައުންސިލްތަކުގެ މި ހުށައެޅުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ކައުންސިލްތަކުން ހުށައެޅި ކަންކަން ހަގީގަތަކަށް ހެދުމަށް އަންނަ އަހަރުގެ ބަޖެޓުގައި މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ.

މާފުށީގައި ގެސްޓް ހައުސް ވިޔަފާރިން ގްރީން ޓެކްސްވެސް ގިނަ އަދަދަކަށް އަންނަނީ ދައްކަމުންނެވެ. އެގޮތުން ސަރުކާރުން އަންނަ އަހަރުގެ ބަޖެޓުގައި އެ ރަށަކުން ނެގޭ ގްރީން ޓެކްސްގެ %50 އެރަށަކަށް ލިބޭ އުސޫލާއެކު އެއީ ކައުންސިލުން ރަށުގެ ކުނި މެނޭޖްކުރުމާއި އެހެން ކަންތައްތައް ކުރުމަށް ލިބިގެންދާނެ ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެއެވެ.

ގްރީން ޓެކްސްގެ ގޮތުގައި ނަގަނީ ރިޒޯޓުތަކާއި ސަފާރީ އާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން ދުވާލަކަށް 6 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ދުވާލަކަށް 3 ޑޮލަރެވެ.