ދުނިޔެ

ސޫރިޔާގެ ސުލްޙައިގެ ވާހަކަތައް ކަނޑައެޅި ތާރީޚަށް ފެށޭނެ


މިމަހުގެ 25 ގައި ފެށުމަށް ހަމަޖެހިފައިވާ ސޫރިޔާގެ ސުލްޙައިގެ ވާހަކަތައް އެތާރީޚަށްވުރެ ފަސްނުވާނެ ކަމުގެ ޔަޤީންކަން އެބައޮތްކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ވިދާޅުވެއްޖެއެވެ.ސަޢޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި ނޫސްވެރިންނާއި ވާހަކަދައްކަވަމުން، ސޫރިޔާގެ ސުލްޙައިގެ ވާހަކަތައް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ކަމާއިބެހޭ ހުރިހާ ފަރާތްތަކުން ވަމުންދާކަމަށް ކެރީ ވިދާޅުވިއެވެ. އަދި ސޫރިޔާއަށް ކަނޑައަޅާފައިވާ އދ. ގެ މަންދޫބު ސްޓެފަން ޑެމިސްތޫރާ މިވާހަކަތަކާއި ގުޅުންހުރި ހުރިހާ ފަރާތްތަކާއި ގުޅުއްވަމުން ގެންދަވާކަމަށް ކެރީ ވިދާޅުވިއެވެ. އަދި ވާހަކަތައް ކަނޑައެޅިފައިވާ ތާރީޚުގައި ފެށޭނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތްކަމަށްވެސް ކެރީ ވިދާޅުވިއެވެ.ސޫރިޔާގެ ސުލްޙައިގެ ވާހަކަތަކުގައި ބައިވެރިވާ އިދިކޮޅު ވަފްދުގައި ހިމެނޭ މެންބަރުންގެ ނަންތަކާއިމެދު ކަމާއިބެހޭ ފަރާތްތަކުގެ މެދުގައި އެއްބަސްވުމަކަށް ނާދެވޭތީ ވާހަކަތައް ފަށާ ތާރީޚު ލަސްވެދާނެކަމުގެ އަޑުތައްވަނީ ފެތުރިފައެވެ.