ކުޅިވަރު

ނޮޓިންހަމް ފޮރެސްޓް ޕްރިމިއާ ލީގަށް ޕްރޮމޯޓުވެއްޖެ


އިނގިރޭސި ޕްރިމިއާ ލީގަށް ޕްރޮމޯޓުވި ފަހު ޓީމަކަށް ނޮޓިންހަމް ފޮރެސްޓް ވެއްޖެއެވެ.

ޕްރިމިއަރ ލީގަށް ފޮރެސްޓް ޕްރޮމޯޓްވީ ޗެމްޕިއަންޝިޕް ޕްލޭއޮފް ފައިނަލްގައި ހަޑާސްފީލްޑް ޓައުންއާ ބައްދަލުކުރި މެޗު ކާމިޔާބުކޮށްގެންނެވެ. ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މިމެޗް ފޮރެސްޓް ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗްގެ 43 ވަނަ މިނެޓްގައި ފޮރެސްޓްގެ ޖޭމްސް ގަރނަރ ނަގައިދިން ހުރަހެއް، ޓައުންގެ ލެވީ ކޯލްވިލް ގައިގާ ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ. މިމެޗްގެ ދެވަނަ ހާފްގައި ޓައުންއިން އެޓީމްގެ ކުޅުން ރަނގަޅު ކުރި ނަމަވެސް ފޮރެސްޓްގެ ގޯލް ފޫއަޅުވާލެވޭގޮތެއް ނުވިއެެވެ.

މިމެޗްގެ ދެވަނަ ހާފްގައި ޓައުންއަށް ޕެނަލްޓީއެއް ލިބެން ޖެހޭކަމަށް އެ ކްލަބުން ދެކުނު ނަމަވެސް، ރިޓަޔާވުމުގެ ކުރިން ފަހު މެޗްގައި ރެފްރީކަން ކުރަމުންދިޔަ ޖޯން މޮސްވަނީ ޓައުންގެ ހެރީ ޓޮފޯލޯ ޑައިވް ކުރީ ކަމަށް ބަލައި ކާޑު ދައްކާފައެވެ. އަދި ވީއޭއާރް ބެލިއިރު ޓޮފޯލޯގެ ގައިގައި ފޮރެސްޓްގެ ޑިފެންޑަރު ޖެހިފައިވާ ކަމަށް ދެއްކި ނަމަވެސް، ވީއޭއާރުންވެސް ރެފްރީގެ ނިންމުން ބަދަލުކޮށްފައެއް ނުވެއެވެ.

މިކާމިޔާބީއާއެކު ފޮރެސްޓް މިވަނީ 23 އަހަރަށްފަހު ފުރަތަމަ ފަހަރަށް ޕްރިމިއަރ ލީގަށް ޕްރޮމޯޓްވެފައެވެ. އަދި މިއީ މިސީޒަންގެ ފުރަތަމަ ހަތް މެޗްގެ ތެރެއިން ހަމެޗުން ބަލިވި ފޮރެސްޓަށް ކުރިން އާދެވޭނެކަމަށް އެއްވެސް މީހަކު ހީކުރި ހިސާބެއް ނޫނެވެ. ޗެމްޕިއަންޝިޕުން ޕްރިމިއަރ ލީގަށް މިފަހަރު ދެން ޕްރޮމޯޓް ވެފައިވަނީ ފުލަމް އާއި ބޯންމޯތެވެ.