ޚަބަރު

އުތުރު ކޮރެޔާއިން ނުރައްކާތެރި ހަތިޔާރު އުފެއްދުން ހުއްޓުވަން ފިޔަވަޅު އަޅައިފި


އުތުރު ކޮރެޔާއިން ނުރައްކާތެރި އަދި ފަނާކުރުވަނިވި ހަތިޔާރު އުފެއްދުން ހުއްޓުވަން އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފިއެވެ.

އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވަނީ އުތުރު ކޮރެޔާގެ ރަސްމީ އެއާލައިނުކަމަށްވާ އެއާ ކޯޔޯއަށާއި އެ ޤައުމުން ފައިސާގެ މުޢާމަލާތްތައް ކުރުމަށް ބޭނުންކުރާ ރަޝިޔާގެ ފާއީސްޓަން ބޭންކަށާއި ސުޕަޓުނިކް ބޭންކާ ދެކޮޅަށެވެ. އޭގެ އިތުރުން ބެލިސްޓިކް މިސައިލް އުފެއްދުމަށް އުތުރު ކޮރެޔާއަށް އެހީތެރިވާ ބެލަރޫސްގެ ރައްޔިތަކާ ދެކޮޅަށްވެސް އެމެރިކާއިން ފިޔަވަޅު އަޅާފައިވެއެވެ. އެމެރިކާއިން ބުނެފައިވަނީ ނުރައްކާތެރި އަދި ފަނާކުރުވަނިވި ހަތިޔާރު އުފެއްދުން ހުއްޓާލައި މަޝްވަރާގެ މޭޒަށް އުތުރު ކޮރެޔާއިން އަންނަންދެން އެ ޤައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމަށެވެ.

އުތުރު ކޮރެޔާއާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވަނީ އދގެ ސަލާމަތީ މަޖިލިސް މެދުވެރިކޮށް އަޅަން މަސައްކަތްކުރި ދަތިކުރުމުގެ ފިޔަވަޅުތައް ޗައިނާއާއި ރަޝިޔާއިން ހުއްޓުވާފައިވަނިކޮށެވެ. އެއީ 2006ވަނަ އަހަރުން ފެށިގެން އުތުރު ކޮރެޔާއާ ދެކޮޅަށް ސަލާމަތީ މަޖިލީހުން އަޅަމުންދިޔަ ދަތިކުރުމުގެ ފިޔަވަޅުތައް ޗައިނާއާއި ރަޝިޔާއިން ހުއްޓުވި ފުރަތަމަ ފަހަރެވެ. މަޝްވަރާގެ މޭޒަށް އުތުރު ކޮރެޔާ ގެނައުމަށް އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް ޗައިނާއިންވަނީ ވަރަށް ބޮޑަށް ބާރުއަޅައިފައެވެ. ނަމަވެސް އެމެރިކާއިންވަނީ އެ ހުށަހެޅުން ބަލައިގަންނަން ދެކޮޅުހަދައިފައެވެ.

އެމެރިކާއާއި އުތުރު ކޮރެޔާއިން ކުރަމުންދިޔަ މަޝްވަރާތައް ހުއްޓިފައިވަނީ 2019ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ފަހުން އުތުރު ކޮރެޔާއިންވަނީ ގިނަ ޢަދަދެއްގެ ބެލިސްޓިކް މިސައިލުތަކެއް ތަޖުރިބާކޮށްފައެވެ. އޭގެ ތެރޭގައި އެއް ބައްރުން އަނެއް ބައްރަށް ފޮނުވާލެވޭ އައިސީބީއެމާއި އަޑަށްވުރެ ބާރަށް ދަތުރުކުރާ މިސައިލުތައް ހިމެނެއެވެ.