ޚަބަރު

ބާވީސް މީހުންނާއެކު ދަތުރުކުރި ނޭޕާލުގެ މަތިންދާބޯޓެއް ގެއްލިއްޖެ


ބާވީސް މީހުންނާއެކު ދަތުރުކުރި ނޭޕާލުގެ މަތިންދާބޯޓެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.

ނޭޕާލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ ގެއްލުނު މަތިންދާބޯޓު ހޯދަން ސިފައިންގެ ހެލިކޮޕުޓަރުތައް ބޭނުންކުރަމުންދާކަމަށެވެ. އެ މަތިންދާބޯޓު ގެއްލިފައިވަނީ ޕޮކާރާއިން ޖޮމުސޮމަށް ދަތުރުކުރަނިކޮށެވެ. އެ މަތިންދާބޯޓުން 19 ފަސިންޖަރުންނާއި ތިން ފަޅުވެރިން ދަތުރުކުރިއެވެ. ފަސިންޖަރުންގެ ތެރޭގައި އިންޑިޔާއަށް ނިޞްބަތްވާ ހަތަރު މީހުން ހިމެނެއެވެ. އެ މަތިންދާބޯޓާ ގުޅުން ކެނޑުނީ ފަރުބަދަމަތީ ސަރަޙައްދަކުން ދަތުރުކުރަނިކޮށެވެ. އެ ސަރަޙައްދުގެ މޫސުން ގޯސްކަމަށާއި ވައި ނުސާފުކަމަށް އެ ޤައުމުގެ މޫސުމާބެހޭ އިދާރާއިން ބުނެފައިވެއެވެ.

ނޭޕާލުގައި ގެއްލިގެން ހޯދަނީ އަމިއްލަ އެ ޤައުމުގެ އެއާލައިނެއްކަމަށްވާ ޓާރާ އެއާގެ މަތިންދާބޯޓެކެވެ. 2019ވަނަ އަހަރުގެ ތެރޭގައި ފޯބްސް މަޖައްލާއިން ޢާއްމުކުރި ސަލާމަތީގޮތުން އެންމެ ރައްކާތެރިކަން ކުޑަ އެއާލައިނުތަކުގެ ތެރޭގައި ޓާރާ އެއާ ހިމެނެއެވެ.

ދުނިޔޭގެ އެންމެ އުސް ފަރުބަދަތައް ހުންނަ ޤައުމަކީ ނޭޕާލުގައެވެ. އަދި އެ ޤައުމުގައި މީގެ ކުރިންވަނީ ނުރައްކާތެރި ވައިގެ ޙާދިޘާތަކެއް ހިނގައިފައެވެ. އެ ގޮތުން 1992ވަނަ އަހަރުގެ ތެރޭގައި ޕާކިސްތާނު އެއާލައިންސްގެ މަތިންދާބޯޓެއް ކަތަމަންޑޫއަށް ޖައްސަނިކޮށް ވެއްޓި 167 މީހުންވަނީ މަރުވެފައެވެ. އަދި 2018ވަނަ އަހަރުގެ ތެރޭގައި ޔޫއެސް ބަންގުލާ އެއާލައިންސްގެ މަތިންދާބޯޓެއް ކަތަމަންޑޫއަށް ޖައްސަނިކޮށް އަލިފާންރޯވެ 51 މީހުން މަރުވެފައިވެއެވެ.