ޚަބަރު

ނުނިމި ހުރި މައްސަލަތައް ތާވަލްކުރަން ކްރިމިނަލް ކޯޓުގެ ވަގުތު އިތުރުކޮށްފި


ކްރިމިނަލް ކޯޓުގައި ނުނިމި ގިނަދުވަސްވެފައި ހުރި މައްސަލަތައް ނިންމުމަށްޓަކައި މިހާރު ކޯޓުގައި މައްސަލަތައް ތާވަލް ކުރަމުންގެންދާ ވަގުތު އިތުރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ވިދާޅުވެފައިވަނީ އެކޯޓުގައި ޢާއްމުކޮށް މައްސަލަތައް ތާވަލުކުރަމުންދާ ވަގުތުގެ އިތުރުން މެންދުރުފަހު 14:00އިން ހަވީރު 17:00އަށް މައްސަލަ ތާވަލްކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މިމައްސަލަތައް ނިންމުމަށްޓަކައި މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން 3 މަސްދުވަހުގެ މުއްދަތަކަށްކަމަށް އެކޯޓުން ވިދާޅުވެއެވެ.

ކްރިމިނަލް ކޯޓުގައި މިހާރު ބަލަންހުރި މައްސަލަތައް ބަަލައި މުޅިން ނިންމަން 16 އަހަރުގެ މުއްދަތެއް ނަގާނެ ކަމަށާ، ފުލް ކެޕޭސިޓީގައި ކޮންމެ ދުވަހަކު މަސައްކަތް ޝެޑިއުލް ކުރި ނަމަވެސް މިހާ މުއްދަތު ނަގާނެކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވަނީ މީގެ ކުރިން ހާމަކުރައްވާފައެވެ.

ކޮންމެ އަހަރަކު އެވްރެޖްކޮށް 900އެއްހައި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅައެވެ. ނުބެލި ހުންނަ މައްސަލަތައް ފުނިޖެހި އިތުރުވެފައިވާއިރު ކްރިމިނަލްކޯޓަށް ދިމާވެފައިވާ މިމައްސަލަ ޙައްލުކުރުމަށް ކުރިމަސައްކަތަކަށް ވޭތުވެދިޔަ 2 އަހަރުދުވަހުގެ ތެރޭގައި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. އެގޮތުން ކޯވިޑް-19ގެ ސަބަބުން ކޯޓުތައް ބަންދުކުރަން ޖެހުމާއި މައްސަލަތައް ކުރިއަށް ގެންދަން ޖަލުން ކޯޓަށް ޙާޒިރުކުރަންޖެހޭ ޤައިދީން ކޯޓަށް ޙާޒިރުކުރުމުގައި ތަފާތު ދަތިތައް ވަނީ ދިމާވެފައެވެ.