ޚަބަރު

ވެރިކަންކުރާ ޕާޓީން ޖޮންސަންގެ އިސްތިޢުފާއަށް ގޮވާލާ އަޑުތައް ގަދަވަނީ


އިނގިރޭސިވިލާތުގެ ޤާނޫނުތަކާއި ޤަވައިދުތަކާ ޚިލާފުވެވަޑައިގެންކަން ސާބިތުވެފައިވާ އެ ޤައުމުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން އިސްތިޢުފާދެއްވުމަށް އަމިއްލަފުޅު ކޮންސަވޭޓިވު ޕާޓީން ގޮވާލާ އަޑުތައް ގަދަވާން ފަށައިފިއެވެ.

2020ވަނަ އަހަރުގެ ތެރޭގައި ކޯވިޑް-19 ފެތުރުން ހުއްޓުވަން އިނގިރޭސިވިލާތުގައި ފުރަބަންދުގެ އުޞޫލުތައް އިޢުލާނުކޮށްފައިވަނިކޮށް ބޮޑުވަޒީރުގެ ރަސްމީގެކޮޅުގައި ބޭއްވި ޕާޓީތަކުގައި ޖޮންސަން އެކި ފަހަރުމަތިން ބައިވެރިވެވަޑައިގަތް މައްސަލާގައި އެ ޤައުމުގެ ފުލުހުންވަނީ އޭނާ ޖޫރިމަނާކޮށްފައެވެ. އެފަދަ ޕާޓީތަކުގައި ބައިވެރިވެވަޑައިނުގަންނަވާކަމަށް ޖޮންސަން ވިދާޅުވި ނަމަވެސް ޕާޓީތަކުގައި އޭނާ އުޅުއްވައި ފޮޓޯތަކެއްވަނީ ޢާއްމުވެފައެވެ. އެއާއެކު އޭނާވަނީ ޢާއްމުންގެ ކިބައިން މަޢާފަށްވެސް އެދިވަޑައިގެންފައެވެ.

އިނގިރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ ޢަދުލުއިންޞާފާބެހޭ ކޮމިޓީގެ މުޤައްރިރު ބޮބް ނީލް ވިދާޅުވެފައިވަނީ ޤައުމު ފުރަބަންދުކޮށްފައިވަނިކޮށް އަދި ޞިއްޙީ ތަޖުރިބާކާރުންގެ އެންގުންތަކަށް ޢަމަލުކުރުމަށް ޢާއްމުންނަށް އެތައް ފަހަރަކު އިލްތިމާޞްކުރެއްވުމަށްފަހު ޖޮންސަންވަނީ އެތައް ފަހަރަކު ގިނަ ޢަދަދެއްގެ އެއްވުންތަކުގައި ބައިވެރިވެވަޑައިގެންފައިވާކަމަށެވެ. އަދި އެ މައްސަލާގައި ޖޮންސަން ދައްކަވައި ވާހަކަތައް ދެކޮޅުނުޖެހޭކަމަށާއި އެއީ ބަލައިގަނެވޭނެ އުޒުރުތަކެއް ނޫންކަމަށް ނީލް ވިދާޅުވިއެވެ. އޭގެ އިތުރުން ޖޮންސަންނަށް ޢާއްމުން ކުރަމުންދިޔަ އިތުބާރުގެއްލިފައިވާކަމަށާއި ޢާއްމުންގެ އިތުބާރު ހޯދުމަށް ކޮންސަވޭޓިވު ޕާޓީ ހިންގުން އެހެން ބޭފުޅަކާ ޙަވާލުކުރަންޖެހޭކަމަށްވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކޮންސަވޭޓިވު ޕާޓީއަށް ނިޞްބަތްވާ ގިނަ ޢަދަދެއްގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންވަނީ ޖޮންސަންނަށް އިތުބާރުނެތްކަމަށް ސިޓީ މެދުވެރިކޮށް ހުށަހަޅަން ފަށައިފައެވެ. އެ ޕާޓީއަށް އެ ގޮތަށް 54 ސިޓީ ލިބިއްޖެނަމަ ޖޮންސަންނާ ދެކޮޅަށް އިތުބާރުނެތްކަމުގެ ވޯޓެއް ނަގައި ޕާޓީ ހިންގުން އެހެން ބޭފުޅަކާ ޙަވާލުކުރުމަށް ފުރުޞަތު ލިބޭނެއެވެ. އެއާއެކު ބޮޑުވަޒީރުކަންވެސް ޖޮންސަންނަށް ގެއްލޭނެއެވެ.