ޚަބަރު

ތުރުކީވިލާތުގެ ކަންބޮޑުވުންތައް ޙައްލުކުރަން ސުވިޑަންނާއި ފިންލޭންޑަށް ނާކާމިޔާބީ


ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ މެންބަރުކަން ސުވިޑަންނާއި ފިންލޭންޑަށް ދިނުމާ ގުޅޭގޮތުން ތުރުކީވިލާތުން ޢާއްމުކޮށްފައިވާ ކަންބޮޑުވުންތަކާމެދު މަޝްވަރާކުރަން ބޭއްވި ބައްދަލުވުންތައް އެއްވެސް ނަތީޖާއެއް ނުނެރެވި ނިންމާލައިފިއެވެ.

ތުރުކީވިލާތުގެ ވެރިރަށް އަންކާރާއަށް ސުވިޑަންނާއި ފިންލޭންޑުގެ ވަފުދެއް ޒިޔާރާތްކޮށް ފަސް ގަޑިއިރަށް ދިގުދެމިގެންދިޔަ މުޙިއްމު މަޝްވަރާތަކެއް ކޮށްފައިވެއެވެ. ނަމަވެސް އެ މަޝްވަރާތަކުގައި ތުރުކީވިލާތުގެ ކަންބޮޑުވުންތައް ޙައްލުކުރުމަށް ސުވިޑަންނާއި ފިންލޭންޑުން ކުރި މަސައްކަތްތައްވަނީ ނާކާމިޔާބުވެފައެވެ. އަދި ތުރުކީވިލާތާއެކު އިތުރު މަޝްވަރާތަކެއް ސުވިޑަންނާއި ފިންލޭންޑުން ކުރާނެކަމެއްވެސް ނޭނގެއެވެ.

ރަޝިޔާއިން ޔޫކްރެއިނަށް ވަރުގަދަ ޙަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައި ސުވިޑަންނާއި ފިންލޭންޑުންވަނީ ނޭޓޯގެ މެންބަރުކަން ހޯދުމަށް ރަސްމީކޮށް އެދިފައެވެ. އޭގެ ތެރެއިން ފިންލޭންޑަކީ ރަޝިޔާއާ ސަރަޙައްދީ ރޮނގު ޙިއްޞާކުރައި ޤައުމެކެވެ. އެ ދެ ޤައުމުން އުއްމީދުކޮށްފައިވަނީ ނޭޓޯގެ މެންބަރުކަން ހޯދިއްޖެނަމަ މުސްތަޤުބަލުގައި ރަޝިޔާއިން ދީފާނެ ޙަމަލާއަކުން ދިފާޢުވުމަށް އެ އިއްތިޙާދުގެ އެހީތެރިކަން ލިބޭނެކަމަށެވެ.

ނޭޓޯގެ މެންބަރުކަން ހޯދުމަށް ސުވިޑަންނާއި ފިންލޭންޑުން ކުރަމުންދާ މަސައްކަތްތަކަށް އެންމެ ބޮޑު ހުރަހެއް ކުރިމަތިވެފައިވަނީ ތުރުކީވިލާތުންނެވެ. ވަކިވެގަންނަން މަސައްކަތްކުރައި ކުރުދީ ޖަމާޢަތްތަކަށް އަސްކަރީ އަދި މާލީ އެހީތެރިކަމާއި އެއްބާރުލުން ސުވިޑަންނާއި ފިންލޭންޑުން ދެމުންދާކަމަށް ތުޙުމަތުކޮށް ތުރުކީވިލާތުން ބުނެފައިވަނީ އެފަދަ ޤައުމުތަކަކަށް ނޭޓޯގެ މެންބަރުކަން ނުދެވޭނެކަމަށެވެ. އަދި ތުރުކީވިލާތުގެ ނިންމުން ބަދަލުކުރާނީ ސުވިޑަންނާއި ފިންލޭންޑުން ކުރުދީންނާމެދު ގެންގުޅޭ ސިޔާސަތުތައް ދޫކޮށްލުމުންކަމަށްވެސް އެ ޤައުމުން ބުނެފައިވެއެވެ. ސުވިޑަންނާއި ފިންލޭންޑަކީ ސީދާ ތުރުކީވިލާތުގެ މިނިވަންކަމަށާއި ސަލާމަތަށް ހުރަސްއަޅައި ދެ ޤައުމެވެ.

ނޭޓޯގެ މެންބަރުކަން ސުވިޑަންނާއި ފިންލޭންޑަށް ލިބޭނީ އެ އިއްތިޙާދުގެ 30 ޤައުމުގެ ތާޢީދާއެކުއެވެ. އެހެންކަމުން ތުރުކީވިލާތުގެ ވޯޓު ކޮންމެހެންވެސް ސުވިޑަންނާއި ފިންލޭންޑަށް ބޭނުންވާނެއެވެ. ސުވިޑަންނާއި ފިންލޭންޑުން ބުނެފައިވަނީ ނުރައްކާތެރި ޙަމަލާތައް ދިނުމަކީ އެ ދެ ޤައުމުން ބަލައިގަންނާނެ އަދި ތާޢީދުކުރާނެކަމެއް ނޫންކަމަށާއި އެއީ ތުރުކީވިލާތަށް ސާފުކޮށްދޭން ބޭނުންވާކަމެއްކަމަށެވެ.

2019ވަނަ އަހަރުގެ ތެރޭގައި ސޫރިޔާގައި ޙަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް ތުރުކީވިލާތުން ޙަމަލާދޭން ފެށުމުން ސުވިޑަންނާއި ފިންލޭންޑުންވަނީ ތުރުކީވިލާތަށް ހަތިޔާރު ވިއްކުން ހުއްޓާލައިފައެވެ.