ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރައިގެ މައްސަލައިގައި ސަސްޕެންޑުކޮށްފައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ވެއްޓިފައިވާ ވަޅުގަނޑުން އަރައިގަތުމުގެ މަސައްކަތް ކުރިއަށްދާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ބެއްލެވުމުގެ ދަށުން ކަމަށް އެ ޓީމުގެ ޗެއާމަންގެ މަގާމާ ހަވާލުވެވަޑައިގެންނެވި އަޙްމަދު ވާސިފް ވިދާޅުވެއްޖެއެވެ.
ފުޓްބޯޅައިގެ ހަރަކާތްތަކުން 2019 ވަނަ އަހަރު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިއު ސަސްޕެންޑް ކުރީ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަތައް ނުދީ ހުރުމާއެކުގައެވެ. އަދި ބިދޭސީ ކުޅުންތެރިންނާއި ކޯޗުންނަށް މުސާރަ ނުދީ އޮތުމުން ފީފާއިންވެސް ވަނީ ނިއު ސަސްޕެންޑްކޮށްފައެވެ.
ނިއުގެ އިންތިޚާބު ހުކުރު ދުވަހު ކުރިއަށްދިޔައިރު، އެ އިންތިޚާބުގައި ވާސިފް ވަނީ ނިއުގެ ޗެއާމަންކަމަށް އިންތިޚާބުކޮށްފައެވެ. އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު ވާސިފް ވިދާޅުވީ، ނިއުގެ ސަޕޯޓަރުންނަށް ދޭން ބޭނުންވާ އުފާވެރި ޚަބަރަކީ، ނިއުގެ ވަޅުގަނޑުން އަރައިގަތުމުގައި ރައީސް ޞާލިޙްގެ އެހީތެރިކަން ނިއުއަށް ލިބޭނެކަމުގެ ޔަގީންކަން ދެއްވުން ކަމަށެވެ. އަދި ވެއްޓިފައިވާ ވަޅުގަނޑުން ނިއު އަރައިގަތުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ރައީސް ޞާލިޙްގެ މޭސްތިރިކަމުގެ ދަށުން ކަމަށް ވާސިފް ވިދާޅުވިއެވެ.
މީގެ އިތުރުން ވާސިފް ވިދާޅުވީ، ނިއުގެ މައްސަލައިގައި ރައީސް އޮފީހުގެ މިނިސްޓަރު ސަމީރާއި، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިތުރުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް އާއެކު ވަރަށް އަވަހަށް ބައްދަލުވުންތަކެއް ކުރިއަށް ދާނެކަމަށް ވާސިފް ވިދާޅުވިއެވެ.
ނިއުގެ އިންތިޚާބު ބާއްވައިފައި މިވަނީ ދާދި ފަހުން ނިއުގެ ވާދަވެރި ކްލަބް ވިކްޓްރީން އެ ކްލަބްގެ އިންތިޚާބު ބާއްވާފައިވަނިކޮށެވެ. އެ ކްލަބުން މިހާރު ވަނީ ދަރަނީގެ ކަންކަން ނިންމާ އެފްއޭއެމް މެދުވެރިކޮށް ކުޅުންތެރިންނަށް މުސާރަ ދިނުމުގެ އިންތިޒާމު ހަމަޖައްސައިފައެވެ. އަދި މި އަހަރުގެ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ބައިވެރިވާނެކަން ވެސް ވަނީ އިއުލާންކޮށްފައެވެ.