ކުޅިވަރު

އޭދަފުށި ބަލިކޮށް، ފަރެސްމާތޮޑާ ފައިނަލަށް


  ފުޓްބޯޅައިގައި ވަރުގަދަ ރަނގަޅު ތާރީޚެއް އޮތް ވަރުގަދަ އޭދަފުށި ބަލިކޮށް، މިނިވަން 50 ޗެމްޕިއަންޝިޕް ފައިނަލުން ފަރެސްމާތޮޑާ ޖާގަ ހޯދައިފިއެވެ. ފަރެސްމާތޮޑާ ފައިނަލުން ޖާގަ ހޯދީ މިއަދު ހަވީރު އައްޑޫ ސިޓީގެ ހިތަދޫ ޒޯން ސްޓޭޑިއަމްގައި ކުޅުނު ސެމީފައިނަލްގައި 4-2 ން އޭދަފުށި ބަލިކޮށްގެންނެވެ.މެޗު ފަށައިގެން ވަރަށް ކުރީކޮޅު ފުރަތަމަ ލަނޑު ޖެހީ އޭދަފުށިންނެވެ. ކޮއްކޮ އިޝާން އިބްރާހީމް ނަގައިދިން ކޯނަރަކުން މިލަނޑު ޖެހީ ކެޕްޓަން އަބުދުލްމަޖީދު އިބްރާހީމްއެވެ. ފަރެސްމާތޮޑާއަށް ނަތީޖާ ހަމަހަމަކޮށްދީ ފުރަތަމަ ފަހަރަށް ކުރި ހޯދައިދިނީވެސް އިހުސާން އަލީއެވެ. އޭދަފުށިން ނަތީޖާ ހަމަހަމަކުރީ ބޭބެ އަބުދުލްމަޖީދު ދިން ބޯޅައިން އިޝާން އިބްރާހީމް ކާމިޔާބުކުރި ލަނޑުންނެވެ. ފުރަތަމަ ހާފް ނިމުނީ މިނަތީޖާއިންނެވެ. ދެވަނަ ހާފްގައި ފަރެސްމާތޮޑާއިން އިތުރު ދެ ލަނޑު ޖެހިއެވެ. އެޓީމްގެ ތިންވަނަ ލަނޑު ޖަހާ އިހުސާން ހެޓްރިކް ފުރިހަމަކޮށްފައިވަނިކޮށް، ހަތަރުވަނަ ލަނޑު ޖެހީ ބަދަލުކުޅުންތެރިޔާ މުޙައްމަދު ސައީދުއެވެ. މީގެއިތުރުންވެސް ދެޓީމުންވެސް ލަނޑު ޖަހާނެ ފުރުޞަތުތައް ތަނަވަސްކުރިއެވެ.މުބާރާތުގެ ފައިނަލްގައި ފަރެސްމާތޮޑާ ވާދަކުރަންޖެހޭނެ ޓީމެއް އިނގޭނީ މާދަމާ ފޯކައިދޫއާއި ސ.ފޭދޫ ކުޅޭ ސެމީފައިނަލް މެޗު ނިމުމުންނެވެ. އޭދަފުއްޓަށްވެސް އަދި ތިންވަނަ ހޮވާ މެޗު އެބައޮތެވެ.