ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމްގެ ގެކޮޅުގައި ދަމާފައިހުރި ބެނާއެއް ނެގުމަށް ކޯޓު އަމުރު ހޯދުމަށް އޮފިސަރެއްގެ ލޮގްއިން ބޭނުންކޮށްގެން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ކޯޓު އަމުރަށް އެދުނުކަމަށް ބުނެ މީޑިއާގައި ފަތުރާ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ފުލުހުންގެ ހިދުމަތުގައި ކޯޓު އަމުރަށް އެދުމުގެ އުސޫލު ހަމަޖެހިފައި އޮންނަނީ އިންވެސްޓިގޭޝަން އޮފިސަރު އެދުމުން އެ އިންވެސްޓިގޭޝަން އޮފިސަރެއްގެ ސުޕަވައިޒަރު އެޕްރޫވް ކުރުމުން ކޯޓު އަމުރު ރިކުއެސްޓު ކޮމްޕިއުޓަރ ސިސްޓަމުން ޖެނެރޭޓުވާ ގޮތަށެވެ. އަދި ރައީސް ޔާމީންގެ ގެކޮޅުން ބެނާ ނެގި މައްސަލައިގައިވެސް ކޯޓުއަމުރު ރިކުއެސްޓު ޖެނެރޭޓްކޮށްފައިވަނީ އިންވެސްޓިގޭޝަން އޮފިސަރު ރިކުއެސްޓު ކުރުމުން ސުޕަވައިޒަރު އެޕްރޫވްކުރުމުންކަމަށް ބަޔާނުގައިވެއެވެ.
ފުލުހުން ވިދާޅުވީ ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ފުލުހުން ކަނޑައަޅާފައިވާ އެއްވެސް ނަންބަރަކަށް ގުޅުމަކާ ނުލައި، ފޮނުވި މެސެޖު ލިބުނުކަންވެސް ޔަގީން ކުރުމަކާ ނުލައި، އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން ވަނީ މިކަމާ ގުޅޭގޮތުން ފުލުހުންނާ ސުވާލުކުރުމުން ޖަވާބު ނުދޭކަމަށް ބުނެ ހަބަރު ޝާއިޢުކޮށްފައިވާކަމަށެވެ.
އެހެންކަމުން، ދިވެހި ފުލުހުންގެ ޚިދުމަތުން ނޫސްވެރިން ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް ހަމަޖައްސާފައިވާ ގޮތްތައް ބޭނުން ކޮށްގެން މިކަމާ ގުޅޭ ސައްހަ މައުލޫމާތު ހޯދުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކޮށްފައި ނުވާކަން ފާހަގަކުރާކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެއެވެ. ފުލުހުންގެ ބަޔާނުގައި ފުލުހުންގެ މަސައްކަތާ ގުޅޭގޮތުން މިފަދަ ދޮގު މައުލޫމާތު ނުފެތުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.