ކުޅިވަރު

ފްރެންޗް އޯޕަންގެ ތިންވަނަ ބުރުން މެޑްވެޑޭވް ޖާގަ ހޯދައިފި


ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ތިންވަނަ ބުރުން މުބާރަތުގެ ދެވަނައަށް ސީޑް ކޮށްފައިވާ ޑަނީލް މެޑްވެޑޭވް ޖާގަ ހޯދައިފިއެވެ.

އޭނާ ތިންވަނަ ބުރުން ޖާގަހޯދީ ދެވަނަ ބުރުގައި ސާބިއާގެ ލާސްލޯ ޑިޔޭރޭ ބަލިކުރުމަށްފަހުއެވެ. މިމެޗް މެޑެވެޑޭވް ކާމިޔާބުކޮށްފައިވަނީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ. އެއީ ހައެއް ތިނެއް، ހައެއް ހަތަރެއް އަދި ހައެއް ތިނަކުންނެވެ.

މިމުބާރާތުގެ ތިން ވަނަ ބުރުގައި މެޑްވެޑޭވް ވާދަކުރާނީ 28 ވަނައަށް ސީޑް ކުރެވިފައިވާ ސާބިއާގެ އެހެން ކުޅުންތެރިއެއް ކަމަށްވާ މިއޮމީރާއެވެ.ތިންވަނަ ބުރުން މިއޮމީރު ޖާގަހޯދީ އެލެގްޒެންޑާ ބުބްލިކްއާ ވާދަކޮށް ތިން ސެޓް އެއް ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ.

މިމުބާރާތުގެ ތިންވަނަ ބުރުން ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސްވެސް ވަނީ ޖާގަހޯދާފައެވެ. މިދިޔަ އަހަރުގެ މުބާރަތުގެ ފައިނަލްގައި އެއްކޮޅުން ވާދަކުރި ސިޓްސިޕާސް ތިންވަނަ ބުރުން ޖާގަހޯދީ ދެވަނަ ބުރުގައި ޗެކް ރިޕަބްލިކްގެ ޑެނެކް ކޯލާ އާއި ވާދަކޮށް ތިން ސެޓް އެއް ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. ނަމަވެސް މިމެޗްގެ ފަހު ތިން ސެޓް ވެގެން ދިޔައީ ސިޓްސިޕާސްއަށް ވަރަށް އުނދަގޫ ތިން ސެޓަށެވެ.

މިމެޗްގެ ފުރަތަމަ ސެޓް ހައެއް ތިނެކުން ސިޓްސިޕާސް ގެންދިޔަ ނަމަވެސް ދެވަނަ ސެޓް ޓައި ބްރޭކަކަށް ގޮަސް ސިޓްސިޕާސްއަށް ކާމިޔާބުކުރެވުނީ ދިހައެއް އަށަކުންނެވެ. އަދި ތިންވަނަ ސެޓް އަނެއްކާވެސް ޓައި ބްރޭކަކަށް ގޮސް ތިނެއް ހަތަކުން ކާމިޔާބުކުރީ ކޯލާއެވެ. އަދި ފަހު ސެޓްވެސް ޓައި ބްރޭކަކަށް ގޮސް ނުވައެއް ހަތަކުން ކާމިޔާބުކުރީ ސިޓްސިޕާސްއެވެ. މިޓައި ބްރޭކްގެ ކުރީކޮޅު ކޯލާއަށް ހަތަރު ޕޮއިންޓްގެ ލީޑެއްވެސް ލިބިގެންދިޔައެވެ. ނަމަވެސް ސިޓްސިޕާސްވަނީ އެހަތަރު ބްރޭކް ޕޮއިންޓްވެސް ދިފާއުކޮށް، ފަހަތުން އަރާ މި ޓައިބްރޭކް ކާމިޔާބުކޮށްފައެވެ. ތިންވަނަ ބުރުގައި ސިޓްސިޕާސް ވާދަކުރާނީ ސްވިޑްންގެ މިކައެލް ޔިމާއާއެވެ.