މުނިފޫހިފިލުވުން

"އެލްވިސް"ގައި ހިމެނުމަށް މަޝްހޫރު އާޓިސްޓުންގެ ލަވަތައް


މިއުޒިކީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޝަހުސިއްޔަތު ކަމަށްވާ އެމެރިކާގެ ކުރީގެ ލެޖެންޑް އެލްވިސް ޕްރިސްލީގެ މައްޗަށް އުފައްދާފައިވާ ބަޔޯޕިކް "އެލްވިސް"ގެ ސައުންޑްޓްރެކްތައް އާއްމުކޮށްފިއެވެ.

"އެލްވިސް"ގެ ނަމުން ނަންދީފައިވާ މި ފިލްމުގައި ހިމަނަން ލިސްޓްކުރެވިފައިވާ ލަވަތަކުގެ ތެރޭގައި އެލްވިސްގެ އަމިއްލަ އަޑުންް ކިޔާދީފައިވާ " ޑޫ ސަމްތިން ވޯތް ރިމެމްބަރިން" ހިމެނެއެވެ. މީގެއިތުރުން ފިލްމުގައި އެލްވިސްގެ ރޯލުން ފެންނަ އޮސްޓިން ބަޓްލަރ ކިޔާދީފައިވާ ލަވައެއް ފިލްމުގައި ހިމެނޭނެކަންވެސް ފިލްމު އުފައްދާ ވޯނަރ ބްރަދާސް އިން ވަނީ ޔަގީންކޮށްދީފައެވެ.

ދެން މި ފިލްމަށް ލިސްޓްކުރެވިފައިވާ ލަވަތަކުގެ އާޓިސްޓުންގެ ތެރޭގައި އޭން ނެސްބީ، އެލްޓަން މާސަން، ކްރިސް އިސާކް، ޑެންޒެލް ކުރީ، ޑޮޖާ ކެޓް، އެމިނެމް، ސީލޯ ގްރީންގެ އިތުރުން އަދިވެސް އިތުރުން 17 އާޓިސްޓުން ހިމެނެއެވެ. މީގެތެރެއިން ފިލްމުގައި ހިމެނޭނީ ކޮން ބައެއްގެ ލަވަތައްކަމެއް އަދި ވޯނަރ އިން ނުބުނެއެވެ.

ވޯނާ ބްރަދާސް އިން އުފައްދާފައިވާ މި ފިލްމު މިއަހަރުގެ ކާންސް ފެސްޓިވަލްގައި ވަނީ ޕްރިމިއާ ކޮށްފައެވެ. "އެލްވިސް" ސިނަމާތަކުގައި އަޅުވާނީ އަންނަ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ.

"ރޯމިއޯ އެންޑް ޖޫލިއެޓް"، "މޫލިން ރޫޖް" އަދި "އޮސްޓްރޭލިއާ" ފަދަ ފިލްމުތައް ގެނެސް ދިން ޑައިރެކްޓަރު ބަޒް ލާމަން ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި އެލްވިސްގެ ރޯލުން ފެންނަނީ މީގެ ކުރިން ސިލްސިލާތަކުގައި ވެސް މަސައްކަތްކޮށްފައިވާ ޒުވާން އެކްޓަރު އޮސްޓިން ބަޓްލާ އެވެ. އެލްވިސްގެ މެނޭޖަރެއްގެ ރޯލުން ފެނިގެންދާނީ ޓޮމް ހޭންކްސްއެވެ.

ފިލްމުގެ ލީޑް ރޯލު އޮސްޓިނަށް ދީނީ ބޭއްވި އޮޑިޝަންތަކަށްފަހުއެވެ. ފިލްމުގެ ޑައިރެކްޓަރަށްވެސް އެންމެ ބޮޑު ގޮންޖެހުމަކަށްވީ ފިލްމު ބަލާ މީހުންނަށް ފިލްމުން ފެންނަނީ އެލްވިސް ނޫންކަން ނޭގޭ ވަރުގެ ތަރިއެއް ހޯދުމެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ބަޒް އާއި ކްރެއިގް ޕިއާޒެވެ.

"ކިންގް އޮފް ރޮކް އެންޑް ރޯލް" ގެ ގޮތުގައި މަޝްހޫރުވި އަދި އެ ނަމަކަށް ފަނޑުވުމެއް ނާންނަ އެލްވިސް މަރުވީ އުމުރުން 42 އަހަރުގައި 1977 ގަ އެވެ.