ޚަބަރު

ކުލަގަދަކޮށް ބޮޑު ޢީދު ފާހަގަކުރަން މާފުށިން ތައްޔާރުވަނީ

މިއަހަރުގެ އަޟްހާ ޢީދު ނުވަތަ ބޮޑު ޢީދު ފާހަގަ ކުރުމުގެ ގޮތުން ކ.މާފުށިން ގިނަ ހަރަކާތްތަކެއް ރާވައި ތައްޔާރުވާން ފަށައިފިއެވެ.

މިޢީދު ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް، ޢީދެއްގައި ކުރިއަށްގެންދާނެ ހުރިހައި ކުޅިވަރެއް މާފުށީގައި ކުރިއަށް ގެންދިޔުމަށް ރާވާފައިވާކަމަށް މާފުށީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ. ޢީދު ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް މާފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެރަށު ކައުންސިލްގެ ރައީސް ހަސަން ޞަލާހް ވިދާޅުވީ، ފިތުރު ޢީދެކޭ އެއްފަދައިން މި ޢީދުގައިވެސް ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް އެންމެންނަށް ވެސް ހުޅުވާލާފައިވާކަމަށެވެ. ފިތުރު ޢީދެކޭ އެއްފަދައިން މި ޢީދުގައި މާލެއިން މާފުއްޓަށް އަންނަން ބޭނުންވާ މީހުންނަށް ފެރީގެ ޚިދުމަތްތަކާއި ގެސްޓްހައުސްތަކުގައި ޚާއްސަ ޕެކޭޖްތަކެއް ވެސް ތަޢާރަފްކޮށްފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

"މިދިޔަ ފިތުރު ޢީދުގަ ވެސް މާފުއްޓަށް އައި މީހުންގެ ތެރެއިން %15 މީހުންނަށް ނާދެވިފަވަނީ. އެއީ ލޯންޗުން ޓިކެޓް ނުލިބުމާއި ރޫމްސް ނުލިބުމާ ގުޅިގެން. ދެން، އެބުރުވެސް ދަންވަރު ޝޯތައް ނިންމާފަ ފުރޭ ގޮތަށް އަޅުގަނޑުމެން ބޭއްވިން ފެރީތަކެއް އެގޮތުން މިބުރުވެސް ބާއްވާނަން. ދެން މިހާރުވެސް ދެ ކުންފުންޏަކުން ވަނީ ޔަޤީންކަން ދީފަ ޝޯވ ނިންމާލާފަ ދެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް" މާފުށި ކައުންސިލްގެ ރައީސް ހަސަން ޞަލާހް ވިދާޅުވިއެވެ.

ޢީދު ފާހަގަ ކުރުމުގެ ގޮތުން މާފުށީގައި ބޭއްވުމަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ބޮޑު ޖަމާއަތުގައި ކުރެވޭ ޢީދު ނަމާދާއި ޢީދު ސަޔާއި، ވެދުމާ ދިޔުމާއި އުޟްހިޔާ ކަތިލުމުގެ އިތުރުން ކޯޑި ނެރުމާއި ބޮޑުމަސް ނެރުން އަދި މާލި ނެރުން ހިމެނެއެވެ.

އަދި ޙައްޖު ދުވަހުގެ ރޭ ބޮޑު ޖާފަތެއް އޮންނާނެ ކަމަށާއި އެރޭ ޢީދު ބަޑިޖެހުން ވެސް އޮންނާނެ ކަމަށް މާފުށީ ކައުންސިލުން ވިދާޅުވެއެވެ. ހަމައެއާއެކު މިޢީދާ ގުޅިގެން ގިނަ އަދަދެއްގެ ކުޅިވަރު މުބާރަތްތަކެއް ކުރިއަށް ގެންދިޔުމަށްވަނީ ރާވާފައެވެ. އޭގެ ތެރޭގައި ތްރީ އޮން ތްރީ ފުޓްބޯޅަ މުބާރާތަކާއި އަންހެނުންގެ ހޭންޑް ބޯލް މުބާރާތެއްގެ އިތުރުން ބަށި މެޗެއް ހިމެނެއެވެ. މި ހަރަކާތްތަކުގެ އިތުރުން ކުޑަކުދިންގެ ހަވީރަކާއި މިއުޒިކް ޝޯ، އަދި ހަވާ އެރުވުމާއި ލޭޒަރ ޝޯއެއްގެ އިތުރުން ކަލަރ ރަންއަކާއި ކުލަޔާއި ފެން ޖެހުންވެސް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

ފުޓްބޯޅައާއި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމަށާއި ކަލަރ ރަންއަށް ރެޖިސްޓަރ ކުރުމުގެ އިތުރަށް ކަލަރ ރަން ޓީޝާޓަށް ޕްރީ އޯޑަރ ކުރުމަށް އަންނަ މަހުގެ 1ވަނަ ދުވަހުން ފެށިގެން ޕޯޓަލެއް ހުޅުވައިލާނެކަމަށް މާފުށި ކައުންސިލުން ވިދާޅުވެއެވެ. އަދި އަޟްހާ ޢީދުގެ މުނާސަބަތާގުޅިގެން އެ ދުވަހު ރައްޔިތުންނަށް ވަރަށް ޚާއްސަ "ސަޕްރައިޒް"ތަކެއް އޮންނާނެކަމަށްވެސް އެކައުންސިލުން ވިދާޅުވެއެވެ.

މިހާރުވެސް ބައެއް ފަރާތްތަކުން ހޮޓާ އަދި ގެސްޓްހައުސްތައް ބުކްކުރަމުން ދާކަން ފާހަގަކޮށް، ދުރާލައި ލޯންޗު ޓިކެޓާއި ގެސްޓްހައުސްތަކުން ރޫމްތައް ބުކް ކުރުމަށް މާފުށި ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.