ދިވެހިންނަށް އިސްލާމްދީނުގެ ހިދާޔަތް ލިބުނީއްސުރެވެސް ތުރުކީއަކީ ރާއްޖެއިން މިސާލަކަށް ބަލާ ޤައުމެއްކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރ މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު ތުރުކީވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތުރުކީވިލާތުގެ ދާޚިލީ ވަޒީރު ސުލޭމާން ސޮއިލުއާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
މިނިސްޓަރ ޢިމްރާން ތުރުކީގެ ދާޚިލީ ވަޒީރާ ބައްދަލުކުރެއްވީ، އެމަނިކުފާންގެ ޚާއްޞަ ދައުވަތަކަށް އެޤައުމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ތުރުކީގެ ދާޚިލީ ވަޒީރާ ވަކިން ބައްދަލުކުރައްވާ މިނިސްޓަރ ޢިމްރާން ވަނީ ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ކުރިއަށްގެންދަވާފައެވެ. މިނިސްޓަރގެ މިދަތުރުފުޅުގައި އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް އަލީ ނަޛީރާއި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދާއި، ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުޙައްމަދުފުޅު ބައިވެރިވެވަޑައިގަންނަވައެވެ.
ރަސްމީ ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދާޚިލީ ވަޒީރުން ވަނީ ދާޚިލީ ސަލާމަތާ ގުޅޭ ކަންކަމުގައި މަޝްވަރާކުރައްވާފައެވެ. ޚާއްޞަކޮށް ދާޚިލީ ސަލާމަތާ ގުޅޭގޮތުން ތުރުކީގެ އެހީތެރިކަމާއި ތަޖުރިބާ ހޯއްދެވުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި މިދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ރަސްމީ ވާހަކަފުޅުތައް ފެއްޓެވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ ޖިއޮގްރަފީ ގޮތުން ދެޤައުމު ކިތަންމެ ތަފާތު ނަމަވެސް، ދެޤައުމުގެ ދެމެދުގައި އޮތީ ޒަމާންވީ ތާރީޚީ ގުޅުމެއްކަމަށެވެ. އަދި މިއީ އިސްލާމީ ދެޤައުމުކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ދެޤައުމުގެ ރައްޔިތުންގެ ދިރިއުޅުމާއި، ދިރިއުޅުމުގެ ވައްޓަފާޅި ބައްޓަންވެފައިވަނީ އެއްގޮތް ކަންތައްތަކެއްގެ މައްޗަށްކަމަށެވެ. އަދި މީގެ 900 އަހަރު ކުރިން ދިވެހިންނަށް އިސްލާމްދީނުގެ ހިދާޔަތް ލިބުނީއްސުރެވެސް ތުރުކީއަކީ ރާއްޖެއިން މިސާލަކަށް ބަލާ ޤައުމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ތުރުކީގެ ރައީސް އުރުދުގާންއާއި ސަރުކާރުން ދުނިޔެއަށް، ޚާއްޞަކޮށް އިސްލާމީ ޤައުމުތަކަށް ދައްކާ ލީޑަރޝިޕްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވަނީ ދީނީ ހަރުކަށި ފިކުރާއި، ޓެރަރިޒަމްއާއި، ޑްރަގް ޓްއރެފިކިންގ ހުއްޓުވުމަށް ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާ އެދާއިރާތަކުން މީހުން ބިނާކުރުމާއި، ވަޞީލަތްތައް ޤާއިމްކުރުމުގައި ތުރުކީގެ އެހީތެރިކަމަށް އެދިވަޑައިގެންނެވިއެވެ. އަދި ކުށްވެރިން ރިހިބިލިޓޭޓްކޮށް އަނބުރާ މުޖުތަމައުއަށް ނެރުމަށް މުހިއްމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ ތުރުކީގެ ޓެކްނިކަލް އެހީތެރިކަމަށް އެދިވަޑައިގެންނެވިއެވެ.
މިނިސްޓަރ ޢިމްރާން ޢަބްދުﷲއާއި، އަރިހުގައި ވަޑައިގެންނެވި ބޭފުޅުން މިދަތުރުފުޅުގައި ތުރުކީގެ ދާޚިލީ ސަލާމަތާއި ގުޅޭ އެކިއެކި މުއައްސަސާތަކާ ވަކިވަކިންވެސް ގެންދަވަނީ ބައްދަލުކުރެއްވަމުންނެވެ. އޭގެތެރޭގައި ތުރުކީގެ ފުލުހުންގެ މުއައްސަސާއާއި, ފުލުހުން ތަމްރީނުކުރާ މަރުކަޒާއި, ޖަލުތަކުގެ ކަންކަން ބަލަހައްޓާ އިދާރާ ހިމެނެއެވެ. މިބައްދަލުކުރެއްވުން ތަކުގައިވެސް ތުރުކީގެ ތަޖުރިބާއާއި އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މަޝްވަރާތައް ކުރައްވާނެއެވެ.
މިނިސްޓަރ ތުރުކީވިލާތަށް ކުރައްވާ ދަތުރުފުޅުގައި ފުރާވަޑައިގެންނެވީ މިމަހުގެ 23 ވަނަ ދުވަހުއެވެ. އެނބުރި ވަޑައިގަންނަވާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.