ކުޅިވަރު

ފްރެންޗް އޯޕަންގެ ތިންވަނަ ބުރުން ޖޮކޮވިޗާއި ނަޑާލް ޖާގަ ހޯދައިފި


ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ތިންވަނަ ބުރުން ދުނިޔޭގައި އެއްވަނައަށް ރޭންކް ކުރެވިފައިވާ ނޯވަކް ޖޮކޮވިޗާއި ސްޕެއިންގެ ރަފައެލް ނަޑާލް ޖާގަ ހޯދައިފިއެވެ.

މިމުބާރާތުގެ ތިންވަނަ ބުރުން ޖޮކޮވިޗް ޖާގަހޯދީ ދެވަނަ ބުރުގައި ސްލޮވާކިއާގެ އެލެކްސް މެލްކޮމް އާއި ބައްދަލުކޮށް ސީދާ ތިން ސެޓުންނެވެ. އެއީ ހައެއް ދޭއް، ހައެއް ތިނެއް އަދި ހަތެއ ފަހަކުންނެވެ.

އަދި މިމުބާރާތް 13 ފަހަރަށް ކާމިޔާބުކޮށްފައިވާ ނަޑާލް ތިންވަނަ ބުރުން ޖާގަހޯދީ ދެވަނަ ބުރުގައި ފަރަންސޭސިވިލާތުގެ ކޮރެންޓިން މޯޓޭ އާއި ބައްދަލުކުރި މެޗް ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ހައެއް ތިނެއް، ހައެއް އެކެއް އަދި ހައެއް ހަތަރަކުންނެވެ. މިއީ ގްރޭން ސްލޭމް މުބާރާތް ތަކުގައި އޭނާ ކާމިޔާބުކުރި 300 ވަނަ މެޗެވެ.

މީގެއިތުރުން ސްޕެއިންގެ ދެކުޅުންތެރިންކަމަށްވާ ކާލޯސް އަލްކަރާޒް އާއި އަލްބަރޓް ރާމޯސް ވިނޮލާސް ބައްދަލުކުރިމެޗް 3 ސެޓް 2 ސެޓުން ކާމިޔާބުކުރީ އަލްކަރާޒްއެވެ. ނަމަވެސް މިމެޗް އަލްކަރާޒްއަށް މާފަސޭހަ މެޗަކަށް ނުވިއެވެ. މިމެޗްގެ ސެޓްތައް ގޮސްފައިވަނީ ހައެއް އެކެއް، ހައެއް ހަތެއް، ފަހެއް ހަތެއް، ހަތެއް ހައެއް އަދި ހައެއް ހަތަރަކުންނެވެ.

މިމުބާރާތުގައި ތިންވަނައަށް ސީޑް ކުރެވިފައިވާ ޖަރުމަނުވިލާތުގެ އެލެގްޒެންޑަރ ޒްވަރޭވްވެސް ވަނީ 3 ސެޓް 2 ސެޓުން އޭނާގެ މެޗް ކާމިޔާބުކޮށް ތިންވަނަ ބުރުން ޖާގަހޯދާފައެވެ. ޒްވަރޭވް އޭނާގެ މެޗް ކާމިޔާބުކުރީ އާޖެންޓީނާގެ ސެބަސްޓިއަން ބައެޒް ފުރަތަމަ ދެސެޓް ގެންގޮސްފައިވަނިކޮށް ފަހަތުން އަރާ ދޭއް ހައެއް، ހަތަރެއް ހައެއް، ހައެއް އެކެއް، ހައެއް ދޭއް އަދި ހަތެއް ފަހަކުންނެވެ.