ކުޅިވަރު

އެމްބާޕޭގެ އެއްބަސްވުމާ ގުޅިގެން އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ސެފެރިންގެ ރައްދެއް


ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ޕީއެސްޖީގައި މަޑުކުރަން ނިންމައި އެއްބަސްވުން އާކުރުމާ ގުޅިގެން ކުރިމަތިވަމުންދާ ފާޑުކިޔުންތަކަށް ޔުއެފާގެ ރައީސް އެލެކްޒެންޑާ ސެފެރިން ރައްދުދީފިއެވެ.

އެމްބާޕޭ ވަނީ ރެއާލް މެޑްރިޑަށް ބަދަލުވާން ނިންމައި ކޮންމެވެސް ވަރަކަށް ވާހަކަތައްވެސް ބޭއްވުމަށްފަހު، އެންމެ ފަހުން ޕީއެސްޖީގައި މަޑުކުރަން ނިންމައި، އާ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި މިއެއްބަސްވުމަކީ ފައިނޭންޝިއަލް ފެއާ ޕްލޭއާ ފުށުއަރާ އެއްބަސްވުމެއް ކަމަށް އެކަމާ ދެކޮޅު ހަދާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

އެކަމާއި ގުޅިގެން ސްޕެނިޝް ލީގުން ވަނީ ޕީއެސްޖީގެ އެއްބަސްވުމަކީ ގިނަ މައްސަލަތަކެއް ހުރި އެއްބަސްވުމެއްގެ ގޮތުގައި ސިފަކޮށްފައެވެ. އެއާއެކު ސެފެރިން ހާމަކުރިގޮތުގައި ޔުއޭފާއިން އެކުލަވާލާފައިވާ ފައިނޭންޝިއަލް ފެއަރ ޕްލޭގެ ގަވައިދަކީ ވަރަށް ހަރުކަށި ގަވައިދެއް ކަމަށެވެ.

މިގަވައިދާ އެއްގޮތަށް މަސައްކަތް ކުރާ ފަރާތްތަކަށް ޔުއޭފާގެ މުބާރާތްތަކުގައި ބައިވެރިވެވޭނެ ކަމަށާއި ނަމަވެސް އެއާ ޚިލާފްވާ ފަރާތްތަކަށް ޖާގައެއް ނޯންނާނެކަމަށް ވަނީ ބުނެފައެވެ. ސެފެރިން ބުނީ ޔުއޭފާއިން ކަންކުރާނެ ގޮތް ރެއާލް މެޑްރިޑަކަށް ނުވަތަ އެހެން ފަރާތަކަށް ކިޔާދޭން ނުޖެހޭނެ ކަމަށެވެ. އަދި ރެއާލްއިން ހިތްހަމަ ނުޖެހިގެން އުޅެނީ އެފަރާތުން ދެކޭ ގޮތުން ކަމަށާއި ނަމަވެސް އެނެއްކޮޅު ބަލާލާއިރު ރެއާލްއިން ހުށަހަޅާފައިވާ ހުށަހެޅުންވެސް ޕީއެސްޖީގެ ހުށަހެޅުމާއި ތަފާތެއް ނެތް ކަމަށްވެސް ވަނީ ބުނެފައެވެ.

ސްޕެނިޝް ލީގުގެ ރައީސް ހާވިއޭ ޓެބާސް ވަނީ ޕީއެސްޖީގެ އެއްބަސްވުމަކީ ފުޓްބޯޅައަށް ކޮށްފައިވާ މަލާމާތެއްގެގޮތުގައި ސިފަކޮށްފައެވެ.