ކުޅިވަރު

އަންނަ ސީޒަނުގައިވެސް ފެންނާނީ ލިވަޕޫލުން: ސަލާހް


ލިވަޕޫލަށް ކުޅެމުން އަންނަ ހުނަރުވެރި ފޯވާޑް މުހައްމަދު ސަލާހް އަންނަ ސީޒަނުގައިވެސް ފެންނާނީ އެ ކުލަބުން ކަމަށް އޭނާ ބުނެފިއެވެ.

ސަލާހް މިހެން ބުނި ނަމަވެސް، އޭނާ ލިވަޕޫލާއެކު އައު އެއްބަސްވުމެއްގައި ސޮއިކުރުމާ ބެހޭގޮތުން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ސަލާހް ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2023 ވަނަ އަހަރުގެ ސީޒަނާއެކުއެެވެ. އަދި ލިވަޕޫލާއެކު އާ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، އޭނާ ވިއްކާލަފާނެކަމުގެ ވާހަކަ އަންނަނީ ދެކެވެމުންނެވެ. އެއީ އެހެން ނޫނީ މިއަންނަ ސީޒަނަށް ފަހު އޭނާ ކްލަބް ދޫކޮށްލާނީ ހިލޭ ޓްރާންސްފަރއެއްގެ ދަށުން ކަމަށް ވާތީއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ކުރިން ބޭއްވު ނޫސްވެރިންގެ ބައްދަލުވުމުގައި ސަލާހްގެ މުސްތަގްބަލާ ބެހޭގޮތުން ސުވާލުކުރުމުން އޭނާ ވަނީ އެކަމާބެހޭގޮތުން ވާހަކަ ދައްކަން ބޭނުން ނޫން ކަމަށާއި، ބޭނުންވަނީ ފައިނަލަށްފަހު ޖޯޑަން ހެންޑަސަން ޗެމްޕިއަންސް ލީގުގެ ތަސި އުފުލާލާތަން ދެކެން ބޭނުންވާ ކަމަށް ބުނެފައެވެ. އަދި އޭނާ އަކީ އެހާ އަމިއްލަ އެދުން ބޮޑު މީހެއް ނޫން ކަމަށާއި، އެހެންކަމުން މިވަގުތު އެއްބަސްވުމާ މެދު ވިސްނުމުގެ ބަދަލުގައި ވިސްނަމުންދަނީ ފައިނަލާމެދު ކަމަށްވެސް ވަނީ ބުނެފައެވެ.

ސަލާހް މިކަން ހާމަކޮށްފައިވާއިރު އޭނާ އާއެކު ލިވަޕޫލްގެ ކުރިއަށް ކުޅޭ ސާޑިއޯ މާނޭ ހާމަކުރިގޮތުގައި އޭނާގެ މުސްތަގްބަލާމެދު އޭނާ ނިންމާގޮތެއް ހާމަކުރާނީ ޗެމްޕިއަންސް ލީގުގެ ފައިނަލަށްފަހުއެވެ. މާނޭވެސް ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުން މިއަންނަ ސީޒަނާއެކު ހަމަވާނެއެވެ.