ކުޅިވަރު

ކޮންފަރެންސް ލީގުގެ ޗެމްޕިއަންކަން ރޯމާއަށް


ޔުއެފާއިން މި ސީޒަނުގައި އަލަށް ތައާރަފުކުރި ޔޫރޮޕާ ކޮންފަރެންސްގެ ލީގުގެ ޗެމްޕިއަންކަން އޭއެސް ރޯމާއިން ހޯދައިފިއެވެ.

މިމުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ޓީމަށް ރޯމާ ވެގެން ދިޔައީ ރޭ ކުޅުނު ފައިނަލް މެޗުގައި ފެޔެނޯޑް ބަލިކޮށްގެންނެވެ. އަލްބޭނިއާގެ ވެރިރަށް ޓިރާނާގައި ކުޅުނު މި މެޗު ރޯމާއިން ކާމިިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ފެޔެނޯޑުންނެވެ. ނަމަވެސް އެ ޓީމުން މެޗުގެ ބޮޑުބައި ކޮންޓްރޯލް ކުރުމާއެކުވެސް ރޯމާގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.

މި މެޗްގައި ރޯމާއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި ޖިއާންލޫކާ މަންޗީނީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ ނިކޮލާ ޒަނިއޯލާއެވެ. މި މެޗްގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެ ޓީމަށްވެސް ލިބިގެން ދިޔަ ނަމަވެސް، އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

މި ކާމިޔާބީއާއެކު ރޯމާ މި ވަނީ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ފުރަތަމަ ތަށި އުފުލައިގެން ތާރީޚުގެ ތެރެއިން ޖާގަހޯދާފައެވެ. އަދި ރޯމާގެ ކޯޗު ޖޯސޭ މޮރީނިއޯ ވަނީ އޭނާ ޔޫރަޕްގައި ވާދަކުރި ފަސް ފައިނަލް ކާމިޔާބުކޮށް ސައްތަ އިން ސައްތަ ރިކޯޑް ދަމަހައްޓަފައިވާ ފުރަތަމަ ކޯޗަށް ވެގެން ގޮސްފައެވެ. އަދި މިއާއެކު އޭނާ މިވަނީ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގާއި ޔޫރޮޕާ ކޮންފަރެންސް ލިގު ކާމިޔާބުކުރި ފުރަތަމަ ކޯޗަށްވެސް ވެގެން ގޮސްފައެވެ.