ކުޅިވަރު

ހިންމަފުއްޓާއި ސިފައިންނަށް ރަނގަޅު ފެށުމެއް


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ މި ފަހަރުގެ ވޮލީބޯޅަ ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަނުގައި ހިންމަފުށި ވިކްޓޯރިއަސް ކުލަބާއި ދިވެހި ސިފައިންގެ ކުލަބުން ކުޅުނު ފުރަތަމަ މެޗުތައް ކާމިޔާބުކޮށް ފެށުން ރަނގަޅުކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ބުދަ ދުވަހުގެރޭ ކުޅުނު ފުރަތަމަ މެޗު ހިންމަފުށިިން ކާމިޔާބުކުރީ، ޔޫތު ނިއު ޖެނެރޭޝަނާ ވާދަކޮށް 3-1 ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ދެ ސެޓު ހިންމަފުށިން ވަނީ ފަސޭހަކަމާއެކު 25-14 އަދި 25-12 އިން ކާމިޔާބުކޮށްފައެވެ. އެކަމަކު ޖެހިގެން އައި ސެޓު ވާދަވެރި ކުޅުމަކަށްފަހު ޔޫތު ނިއު ޖެނެރޭޝަނުން ކާމިޔާބުކުރީ 25-23 އިންނެވެ. ނަމަވެސް މެޗުގެ ހަތަރުވަނަ ސެޓު ހިންމަފުށިން ވަނީ ފަސޭހަކަމާއެކު 25-14 އިން ކާމިޔާބުކޮށް މެޗުން މޮޅުވެފައެވެ.

ބުދަ ދުވަހުގެރޭ ކުޅުނު ދެވަނަ މެޗުގައި ކުލަބު ހާފު ލައިން ލިންކޭޖާއި ބައްދަލުކޮށް ދިވެހި ސިފައިންގެ ކުލަބުން ކާމިޔާބުކުރީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ.

ދިވެހި ސިފައިންގެ ކުލަބުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް މި މެޗުގައި ފެނިގެންދިޔައިރު، މި މެޗުގެ ސެޓުތައް އެ ޓީމުން ކާމިޔާބުކުރީ 25-5، 25-13 އަދި 25-9 އިންނެވެ.

ވޮލީބޯޅަ ސީޒަންގެ އަންހަން ފުރަތަމަ މުބާރާތުގައި މި އަހަރު ވަނީ 10 ޓީމަކުން ބައިވެރިވެފައެވެ. އެ 10 ޓީމު ދެ ގްރޫޕަކަށް ބަހާލާފައިވާއިރު، ގްރޫޕް އޭގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ވެމްކޯ އާއި، ކުލަބު ވޮލީބޯލް އާއި، އަލްމާ ސްޕޯޓްސް ކުލަބާއި، ޔޫތު ނިއު ޖެނެރޭޝަންގެ އިތުރުން ހިންމަފުށި ވިކްޓޯރިއަސް ސްޕޯޓްސް ކުލަބެވެ. ގްރޫޕް ބީ ގައި ހިމެނެނީ ޕޮލިސް ކުލަބާއި، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން އާއި، ކުލަބު އީގަލްސް އާއި، ދިވެހި ސިފައިންގެ ކުލަބުގެ އިތުރުން ކުލަބު ހާފް ލިންކޭޖެވެ.