ވިޔަފާރި

އަމާނަތަކަފުލްގެ ހިއްސާއެއްގެ %20 ފައިދާގެ ގޮތުގައި ބަހަނީ


އަމާނާ ތަކަފުލް މޯލްޑިވްސްގެ 11 އަހަރުގެ ދިގު ތާރީހުގައި ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ދޭން ކަނޑައެޅި އެންމެ މަތީ އަދަދު މިއަހަރު ފާސްކޮށްފިއެވެ.

އަމާނާ ތަކަފުލްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާފައިވަނީ މިމަހުގެ 24 ވަނަ ދުވަހު ވާޗުއަލްކޮށް ފަހިވޯޓް މެދުވެރިކޮށެވެ. އަމާނާ ތަކަފުލްގެ ތާރީހުގައި ވެސް މިހާތަނަށް ހިއްސާގެ ފައިދާގެ ގޮތުގައި އެންމެ ބޮޑު ޑިވިޑެންޑެއް ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ކަނޑައެޅީ ވެއަތުވެދިޔަ އަހަރު ކުންފުނީގެ މާލީ ކާމިޔާބުގެ މައްޗަށް ބިނާކޮށެވެ.

މިދިޔަ އަހަރު ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 22 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2020 ވަނަ އަހަރާ އަޅާބަލާއިރު 37 އިންސައްތައިގެ ކުރިއެރުމެކެވެ.

2021 ވަނައަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ރެވެނިޔު ރިޒާވް 25 އިންސައްތަ އިތުރުވެ، 31 ޑިސެމްބަރުގެ ނިޔަލަށް 73 މިލިއަން ރުފިޔާ ރެކޯޑް ކޮށްފައިވާއިރު، މި މުއްދަތުގައި ޖުމްލަ ރައުސުލްމާލު 228 މިލިއަން ރުފިޔާ އަށްވަނީ އިތުރުވެފައެވެ.

ކޮވިޑް19ގެ ސަބަބުން ހީނަރުކަމެއް އައި ނަމަވެސް، ފައިދާގެ ގޮތުގައި 9 އިންސައްތައިގެ ކުރިއެރުމެއް އެކުންފުނިން ވަނީ ހޯދާފައެވެ.

އޭޓީއެމްގެ މާލީ ނަތީޖާއަށް ރިޢާޔަތްކޮށް ޑިރެކްޓަރުންގެ ބޯޑުން ވަނީ 10 އިންސައްތަ އިންޓަރިމް ޑިވިޑެންޑްގެ އިތުރުން 10 އިންސައްތަ ފައިނަލް ޑިވިޑެންޑް ގެ ގޮތުގައި ކަނޑައަޅާފައެވެ. އެހެންކަމުން 2021 ވަނަ އަހަރުގެ ޖުމްލަ ޑިވިޑެންޑް ހިއްސާއަކަށް ޖެހޭ މޫނުމަތީ އަގުގެ 20 އިންސައްތަ ހިއްސާދާރުންނަށް ދިނުމަށް މިވަނީ ކަނޑައަޅާފައެވެ. އެއީ ރުފިޔާއިން ބަލާނަމަ 26 ލާރިއެވެ. މިއީ 2020 ވަނަ އަހަރު ބަހާފައިވާ ހިއްސާގެ ފައިދާއާއި އަޅާބަލާއިރު 14 އިންސައްތައިގެ ކުރިއެރުމެކެވެ.

2021 ވަނައަހަރު ފައިދާގެ ގޮތުގައި ރެކޯޑް އަދަދެއް ކަނޑައެޅިއިރު، ކުންފުނީގެ ޖުމްލަ އާމްދަނީގެ ގޮތުގައި 2021 ވަނައަހަރު 152.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ރާއްޖޭގައި ތަކަފުލްގެ އެންމެ ފުރަތަމަ ކުނުފުނީގެ ހައިސިއްޔަތުން އޭޓީއެމްގެ އިގުތިމާޢީ ޒިންމާއަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއެވެ. އެގޮތުން އޭޓީއެމް އިން ދަނީ މުޖުތަމަޢުގެ އެކި ކަންކަމުގައި ބައިވެރިވެ އެހީތެރިވުމުގައި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ސްކޫލްތަކާއި، ކޮލެޖްތަކާއި، ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން ވަރަށް ޝައުޤުވެރިކަމާއެކު މަސައްކަތް ތަކެއް ކުރަމުންނެވެ.

އޭޓީއެމްއަކީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ހަމައެކަނި ތަކަފުލް އޮޕަރޭޓަރެވެ. މި އަހަރުގެ އޭޖީއެމް އެހެން އަހަރުތަކާއި އެއްގޮތަށް ނިންމާލާފައި ވަނީ ހުރިހާ ހިއްސާދާރުންނަށް ޕާސަނަލް އެކްސިޑެންޓް ކަވަރ އެއް ދޭން ނިންމުމަށް ފަހުއެވެ. ޑިވިޑެންޑް ހޯދުމަށް ހިއްސާދާރުން ހުށަހަޅަންޖެހޭ އެންމެ ފަހުގެ ތާރީހަކީ 15 މެއި 2022 އެވެ. އެ ތާރީހުގެ ނިޔަލަށް ރަޖިސްޓަރީގައި ހިމެނޭ ހިއްސާދާރުންނަށް ޑިވިޑެންޑާއި އެހެނިހެން އިނާޔަތްތައް ލިބިގެންދާނެއެވެ.