ކުޅިވަރު

ނިއުރޭޑިއަންޓަށް ބިދޭސީ ދެ ޑިފެންޑަރުންނާއި ކީޕަރެއް


ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވާ ނިއުރޭޑިއަންޓަށް ބިދޭސީ ކީޕަރެއްގެ އިތުރުން ދެ ޑިފެންޑަރުން ގެންނަން ނިންމައިފިއެވެ. ނިއުރޭޑިއަންޓަށް ގެންނަން ނިންމާފައިވަނީ ޤާނާގެ ގޯލްކީޕަރެއްގެ އިތުރުން ބަލްގޭރިޔާގެ ޑިފެންޑަރަކާއި، ނައިޖީރިޔާގެ ޑިފެންޑަރެކެވެ.އެތިން ކުޅުންތެރިންނަކީ ނައިޖީރިޔާގެ ޑިފެންޑަރ މައިކަލްއާއި، ބަލްގޭރިޔާގެ ޑިފެންޑަރ ވެލިޗްކޯ ވެލިޗްކޯވްއެވެ. ނިއުއަށް ގެންނަ ކީޕަރަކީ ޤާނާގެ ސުލޭމާނާއެވެ. ކީޕަރުގެ އިތުރުން ޑިފެންޑަރެއްގެ ރިލީޒް މިހާރު ލިބިފައިވާކަމަށް ނިއުއިން މައުލޫމާތުދެއެވެ. އަދި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މިކުޅުންތެރިން ޓީމާއި ގުޅޭނެކަމަށް ނިއުއިން މައުލޫމާތުދެއެވެ. ތިންވަނަ ކުޅުންތެރިޔާގެ ރިލީޒްވެސް މިއަދު ނުވަތަ މާދަމާ ލިބޭނެކަމަށް ނިއުއިން އުއްމީދުކުރެއެވެ. މީގެތެރެއިން އެއް ކުޅުންތެރިއަކީ ޑިފެންސިވް މިޑްފީލްޑަރަކަށްވެސް ކުޅޭ ކުޅުންތެރިއެކެވެ.ފާއިތުވި ސީޒަންގައި ނިއުއިން ވަނީ ބިދޭސީ ގިނަ ކުޅުންތެރިންތަކެއް ގެނެސް، ފެންވަރުނެތިގެން ދޫކޮށްލާފައެވެ. ސީޒަން ނިމުނުއިރު ޓީމްގައި ތިބީ ކީޕަރ އެލީޝާގެ އިތުރުން މިޑްފީލްޑަރ ވިލިއަމް މެކޯއާއި، ޑިފެންޑަރ ކިންގްސްލީއެވެ.އާސީޒަނަށް ނިއުއާއި ބިދޭސީ ތިން ކުޅުންތެރިން ގުޅޭއިރު، ޓީމްގެ މުޙިންމު ގިނަ ކުޅުންތެރިން ވަނީ ޓީމް ދޫކޮށްލާފައެވެ. ކްލަބްގައި މިވަގުތު ޗެއަރމަންއެއްވެސް ނެތެވެ. އާބޯޑް އިންތިޚާބުކުރުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. ނަމަވެސް ނިއުރޭޑިއަންޓުން ވަނީ އެޓީމްގެ ޕްރެކްޓިސް ފަށާފައެވެ. މިހާތަނަށް ޕްރެކްޓިސް ފެށި ހަމައެކަނި ކްލަބަކީވެސް ނިއުރޭޑިއަންޓެވެ.