ޚަބަރު

ސަރުކާރުން ވަނީ މަޖިލީހަށް މިހާރުވެސް 7 ބިލެއް ފޮނުވާފައި


ރައްޔިތުންގެ މަޖިލީހުގެ ހިނގަމުންދާ ދައުރަށް ސަރުކާރުގެ ފަރާތުން ހުށަހަޅަންޖެހޭ 7 ބިލެއް މިހާރުވެސް ފޮނުވާފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ސަރުކާރުން މިކަން ހާމަކޮށްފައި މިވަނީ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރަށް 22 ބިލެއް މަޖިލީހަށް ހުށަހަޅާފައިވީނަމަވެސް މިހާތަނަށް މަޖިލީހަށް ލިބިފައިވަނީ އެންމެ ދެ ބިލެއް ކަމުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

މަޖިލީހަށް ހުށަހަޅަންޖެހޭ ބިލުތަކާއި ގުޅޭގޮތުން ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މަޖިލީހަށް މި ދައުރުގެ ތެރޭގައި ހުށަހަޅަންޖެހޭ 22 ބިލުގެ ތެރެއިން 3 ބައިކުޅަ އެއްބައި ބިލު މަޖިލީހަށް ފޮނުއްވާފައިވާކަމަށެވެ. އެގޮތުން ޖުމްލަ 6 ބިލެއް މަޖިލީހަށް ފޮނުވާފައިވާކަން ރައީސް އޮފީހުގެ އޮފިޝަލް ފާހަގަކުރެއްވިއެވެ.

ރައީސް އޮފީހުން ވިދާޅުވީ ފަނޑިޔާރުންގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލާއި ޖުޑިޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ނުލިބޭ ވާހަކައަކީ ހަގީޤަތާއި ހިލާފު ވާހަކަތަކެއްކަމަށެވެ. އަދި އެ ބިލު މަޖިލީހަށް ހުށަހެޅުމުން އެ ބިލުތަކާއި ގުޅޭގޮތުން ބަހުސްކުރުމަށް މައުލޫމާތު ހޯދަންވެސް މަޖިލީހުން އެދިފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ. މީގެއިތުރުން އިތުރަށް މުރާޖައާކުރުމުގެ މަސައްކަތްކުރަމުންދާ ޤާނޫނީ ފަންނުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުވެސް މަޖިލީހުގެ ދައުރު ނިމުމުގެ ކުރިން ފޮނުވުމުގެ މަސައްކަތްކުރަމުންދާކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއްވައެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރަށް ހުށަހަޅަން ޤަޞްދުކުރާ ބިލުތަކުގެ ލިސްޓު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ބަންޑާރަ ނައިބު އޮފީހުންވެސް ވަނީ މިހާރު ފޮނުއްވާފައެވެ.

މިދައުރަށް ހުށަހެޅުމަށް ނިންމާފައިވާ 22 ބިލުގެ ތެރެއިން ބަންޑާރަ ނައިބް އޮފީހުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް 9 ބިލެއް ފޮނުވާފައެވެ. މިބިލްތަކުގެ ތެރޭގައި ޝަރުޢީ ދާއިރާއާއި ގުޅުންހުރި މުހިންމު ބިލްތަކެއްވެސް ހިމެނެއެވެ. މިބިލްތަކުގެ އިތުރުން ޖިނާއީ އިޖުރާތު ޤާނޫނަށް އިސްލާހު ގެނައުމާއި، ޤާނޫނުލް އުޤޫބާތަށް އިސްލާހު ގެނައުމާއި، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމާއި، މޯލްޑްވިސް ހެލްތު ސާވިސްގެ ބިލެއް ހުށަހެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ.