ކުޅިވަރު

ފްރެންޗް އޯޕަންގެ ދެވަނަ ބުރުން މެޑްވެޑޭވް ޖާގަ ހޯދައިފި


އަހަރުގެ ދެވަނަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ދެވަނަ ބުރުން, މުބާރާތުގެ ދެވަނައަށް ސީޑް ކޮށްފައިވާ ޑަނީލް މެޑްވެޑޭވް ޖާގަ ހޯދައިފިއެވެ.

ރަޝިޔާއަށް ނިސްބަތްވާ މި ކުޅުންތެރިޔާ ދެވަނަ ބުރުން ޖާގަހޯދީ ފުރަތަމަ ބުރުގައި އާޖެންޓީނާގެ ފަކުންޑާ ބަގްނިސް އާއި ބައްދަލުކުރިމެޗް ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ.

މެޑްވެޑޭވްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ސެޓް ތަށް އޭނާ ކާމިޔާބުކުރީ ހައެއް ދޭއް، ހައެއް ދޭއް އަދި ހައެއް ދެއަކުންނެވެ. މިމުބާރާތުގައި ހަތަރުވަނައަށް ސިޑް ކުރެވިފައިވާ ގްރީސްގެ ސްޓޭފަނޯސް ސިޓްސިޕާސްވެސް ވަނީ ދެވަނަ ބުރުން ޖާގަހޯދާފައެވެ. ސިޓްސިޕާސް ދެވަނަ ބުރުން ޖާގަހޯދީ އިޓަލީވިލާތުގެ ލޮރެންޒޯ މުސެއްޓީ އާއި ވާދަކުރިމެޗް ވަރަށް އުނދަގުލުން ކާމިޔާބުކޮށްގެންނެވެ.

މިމެޗްގެ ފުރަތަމަ ދެސެޓް ފަހެއް ހަތެއް އަދި ހަތަރެއް ހަޔަކުން ކާމިޔާބުކުރީ މުސެއްޓީއެވެ. ނަމަވެސް މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްގައި އެއްކޮޅުން ވާދަކުރި ސިޓްސިޕާސްވަނީ ފަހު ތިން ސެތް ހައެއް ދޭއް، ހައެއް ތިނެއް އަދި ހައެއް ދެއަކުން ކާމިޔާބުކޮށް މިމެޗް ކާމިޔާބުކޮށްފައެވެ.

މީގެިއިތުރުން މިމުބާރާތުގެ ދެވަނަ ބުރުންވަނީ ޑެންމާކްގެ ހޮލްގަރ ރޫން އާއި ހަތްވަނަ އަށް ސީޑް ކޮށފައިވާ އަންޑްރޭ ރުބްލޭވް ދެވަނަ ބުރުން ޖާގަހޯދާފައެވެ. ރޫން ދެވަނަ ބުރުން ޖާގަހޯދީ 14 ވަނައަށް ސިޑް ކުރެވިފައިވާ ކެނެޑާގެ ޑެނިސް ޝަޕޮވަލޯވް އާއި ވާދަކޮށް ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ. އަދި ރުބްލޭވް ދެވަނަ ބުރުން ޖާގަހޯދީ ދެކުނު ކޮރެއާގެ ކްވޮން ސޫން ވޫ އާއި ބައްދަލުކޮށް ތިން ސެޓް އެއްސެޓުންނެވެ.