ކުޅިވަރު

އެލްއެމްއޭއިން ހޮވާ އަހަރުގެ އެންމެ މޮޅު ކޯޗަކަށް ކްލޮޕް


ލީގު މެނޭޖާސް އެސޯސިއޭޝަނުން ހޮވާ އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމަށް ލިވަޕޫލުގެ ކޯޗު ޔާގަން ކްލޮޕް ހޮވައިފިއެވެ.

ސަރ އެލެކްސް ފަރގަސަން ޓްރޮފީގެ ނަންދީފައިވާ މި ޓްރޮފީ ލިބޭ ކޯޗެއް ހޮވުމަށް އިނގިރޭސި ހުރިހަ ޑިވިޝަނެއްގެ ފުލް މެންބަރުންގެ ގޮތުގައި މަސައްކަތް ކުރާ ހުރިހާ ޓީމެއްގެ ކޯޗުން ވޯޓް ލާފައިވެއެވެ.

މި އިނާމްގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގުގެ އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމްވެސް ލިބުނީ ކްލޮޕް އަށެވެ. މި އިނާމް ކްލޮޕްއަށް ލިބިފައިވަނީ ޕެޕް ގާޑިއޯލާގެ ކޯޗްކަމުގެ ދަށުން ކުޅުނު މެންޗެސްޓާ ސިޓީ ލީގު ކަމިޔާބު ކުރުމާވެސް އެކުގައެވެ. ވިމެންސް ސުޕަރ ލީގުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޗެލްސީ ވިމެންގެ އެމާ ހޭސްއެވެ.

ކްލޮޕްއާއި މިފަހަރު އެއްވަނަ މަގާމަށް ވާދަކޮށްފައިވަނީ ޕެޕް އާއި ބްރެންޓްފަޑްގެ ތޯމަސް ފްރޭންކް އާއި ނިއުކާސްލް ޔުނައިޓެޑްގެ އެޑީ ހޯވް އަދި ކްރިސްޓަލް ޕެލަސްގެ ޕެޓްރިކް ވިއޭރާއެވެ. ކްލޮޕް ހާމަކުރިގޮތުގައި މިއީ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި ނަމަވެސް މިއީ އޭނާ އެންމެ ބޭނުންވި ގޮތް ނޫން ކަމަށާއި މިއައްވުރެ ޕްރިމިއަރ ލީގުގެ ތަށި ލިބުނު ނަމަ މާއުފާވީސް ކަމަށެވެ.

ނަމަވެސް މިހާރު ލީގުގެ ނާކާމިޔާބީމަތިން ހަނދާން ނައްތާލާފައިވާކަމަށް ކްލޮޕް ހާމަކުރިއެވެ. މިފަހަރުގ ސަރވިސް ޓު ފުޓްބޯލްގެ އިނާމް ލިބުނީ މެންޗެސްޓަރ ޔުނައިޓެޑްގެ ރިސެޕްޝަނިސްޓެއްގެ ވަޒީފާ އަދާކުރާތަ 50 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ކެޓް ފިޕްސްއަށެވެ.