ކުޅިވަރު

ކުލަބު ވޮލީބޯލް އާއި އީގަލްސްއަށް ރަނގަޅު ފެށުމެއް


ވޮލީބޯލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަނުގެ ކޮލިފައިންގެ ފުރަތަމަ މެޗުތައް ކާމިޔާބުކޮށް، ކުލަބު ވޮލީބޯލް އާއި ކުލަބު އީގަލްސްއިން ފެށުން ރަނގަޅުކޮށްފިއެވެ.

އަންގާރަ ދުވަހުގެރޭ ކުޅުނު ފުރަތަމަ މެޗުގައި އަލްމާ ސްޕޯޓްސް ކްލަބްގެ މައްޗަށް ކްލަބް ވޮލީބޯލް އިން ކުރިހޯދީ 3-1 ސެޓުންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު 26-24 އިން ގެންދިޔައީ އަލްމާ ސްޕޯޓްސް ކްލަބުންނެވެ. އެކަމަކު ޖެހިގެން އައި ތިން ސެޓު، 25-21، 26-24 އަދި 25-21 އިން ކްލަބް ވޮލީބޯޅްއިން ވަނީ ގެންގޮސްފައެވެ.

ރޭ ކުޅުނު ދެވަނަ މެޗުގައި ކްލަބް އީގަލްސްއިން ވަނީ 3-1 ގެ ނަތީޖާއަކުން ވޮލީބޯލް ޔޫތު ނިއުޖެނެރޭޝަންގެ މައްޗަށް ކުރިހޯދައިފައެވެ. ތަޖުރިބާކާރު ގިނަ ކުޅުންތެރިންނާއެކު މި މުބާރާތައް ކްލަބް އީގަލްސްއިން ނުކުތްއިރު ވޮލީބޯލް ޔޫތު ނިއުޖެނެރޭޝަނުގައި ތިބީ އަރަމުން އަންނަ ޒުވާން ކުޅުންތެރިންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު ކްލަބް އީގަލްސްއިން ވަނީ ފަސޭހަކަމާއެކު 25-18 އިން ކާމިޔާބުކޮށްފައެވެ. އެކަމަކު ޖެހިގެން އައި ސެޓުގައި ވޮލީބޯޅް ޔޫތު ނިއު ޖެނެރޭޝަން ޓީމުން ތަފާތު ރޫހެއްގައި ކުޅެ 25-22 އިން ކާމިޔާބުކުރިއެވެ. އެކަމަކު ޖެހިގެން އައި ދެ ސެޓުގައި ކްލަބް އީގަލްސްގެ ތަޖުރިބާކާރު ކުޅުންތެރިންގެ ބޭނުން ހިފައި ވަނީ 25-21 އަދި 25-17 އިން ގެންގޮސްފައެވެ.

ވޮލީބޯޅަ ސީޒަންގެ އަންހަން ފުރަތަމަ މުބާރާތް ރޭ ފެށިއިރު، މި މުބާރާތުގައި މި އަހަރު ވަނީ 10 ޓީމެއް ބައިވެރިވެފައެވެ. އެ 10 ޓީމް ދެ ގްރޫޕަކަށް ބަހާލާފައިވާއިރު، ގްރޫޕް އޭގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ވެމްކޯ އާއި، ކުލަބު ވޮލީބޯލް އާއި، އަލްމާ ސްޕޯޓްސް ކުލަބާއި، ޔޫތު ނިއު ޖެނެރޭޝަންގެ އިތުރުން ހިންމަފުށި ވިކްޓޯރިއަސް ސްޕޯޓްސް ކުލަބެވެ. ގްރޫޕް ބީ ގައި ހިމެނެނީ ޕޮލިސް ކުލަބާއި، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން އާއި، ކުލަބު އީގަލްސް އާއި، ދިވެހި ސިފައިންގެ ކުލަބުގެ އިތުރުން ކުލަބު ހާފް ލިންކޭޖެވެ.