ކުޅިވަރު

ޔޫރަޕުގައި ފަސްވަނަ ތަށި ކާމިޔާބުކުރުމުގެ އުއްމީދާއެކު މޮރީނިއޯ ފައިނަލަށް ނިކުންނަނީ


ޔުއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ފައިނަލް މެޗު މިރޭ ކުޅުމަށް ހަަޖެހިފައިވާއިރު، ފައިނަލުގައި ވާދަކުރާ ދެ ޓީމު ކަމަށްވާ އޭއެސް ރޯމާ އާއި ފެޔެނޯޑުންވެސް މި މެޗަށް ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.

ޔުއޭފާއިން މިސީޒަންގައި މުޅިން އަލަށް ތައާރަފް ކުރި މިމުބާރާތުގެ ފައިނަލަކީ ރޯމާގެ ކޯޗު ޖޯސޭ މޮރީނިއޯ ޔޫރަޕްގައި ވާދަކުރާ ފަސްވަނަ ފައިނަލެވެ. އަދި އޭނާ މިހާތަނަށް ވަނީ އޭނާ ވާދަކުރި ކޮންމެ ފައިނަލެއް ކާމިޔާބުކޮށް ތަށި އުފުލާލާފައެވެ. މީގެތެރޭގައި އެފްސީ ޕޯޓޯ އާއި އެކު ކާމިޔާބުކުރި ޔުއޭފާ ކަޕާއި ޔުއެފާ ޗެމްޕިއަންސް ލީގާއި އަދި އިންޓަރ މިލާނާއެކު ކާމިޔާބުކުރި ޗެމްޕިއަންސް ލީގުގެ ތަށީގެ އިތުރުން މެންޗެސްޓަރ ޔުނައިޓެޑާއެކު ކާމިޔާބުކުރި ޔޫރޮޕާ ލީގުގެ ތަށި ހިމެނެއެވެ.

މިރޭގެ ފައިނަލާއެކު މޮރީނިއޯ ވެގެންދާނީ ޔޫރަޕްގެ މުބާރާތްތަކަށް ހަތަރު ޓީމެއް ގޮވައިގެން ފައިނަލްގައި ވާދަކުރި ފުރަތަމަ ކޯޗަށެވެ. މޮރީނިއޯ ހާމަކުރިގޮތުގައި އޭނާ މިރޭ މޮޅުވެއްޖެނަމަ އޭނާ ވެގެންދާނީ ޔޫރަޕްގައި ވާދަކުރި ފަސް ފައިނަލްގެ ތަށި ކާމިޔާބުކުރި ފުރަތަމަ ކޯޗަށެވެ. ޗެލްސީއާއި ހަވާލުވުމަށްފަހު އަމިއްލައަށް ދަ ސްޕެޝަލް ވަންގެ ގޮތުގައި ގަބޫލްކުރި މޮރީނިއޯ މިހާރު ހާމަކުރާގޮތުގައި ދަ ސްޕެޝަލް ވަން އަކީ ކުރީގެ ވާހަކައެއް ކަމަށެވެ. އަދި ކޯޗިންގ ގެ ތެރޭގައި ގިނަ ދުވަސްވެ މީހާ ހަރުދަނާވުމުން ދެން ވިސްނޭނީ އަމިއްލައަށް ވުރެ ބޮޑަށް އެހެން މީހުންނަށް ކަމަށާއި، މިރޭގެ ފައިނަލް ކޮންމެ ގޮތަކަށް ނިމުނު ކަމަށްވީ ނަމަވެސް މިއީ ރޯމާއަށް ކާމިޔަބު ސީޒަނަކަށް ވާނެކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ރޯމާ އާއި ވާދަކުރާ ފެޔެނޯޑް މިއީ 2002 ވަނަ އަހަރުގެ ޔުއޭފާ ކަޕަށްފަހު ޔޫރަޕްގެ މުބާރާތެއްގެ ފައިނަލުން ޖާގަހޯދި ފުރަތަމަ ފަހަރެވެ. މިރޭގެ މެޗަށް ކުރިމަތިލާއިރު ފެޔެނޯޑްގެ ސީރިއަލް ޑެސަސްއަކީ 10 ލަނޑާއެކު ލީގުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާއެވެ. އަދި ރޯމާގެ ޓެމީ އަބްރަހަމްއަކީ 9 ލަނޑާއެކު ދެވަނައަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާއެވެ. އެހެންކަމުން މިރޭގެ މެޗަކީ ފޯރިގަދަ ފައިނަލަކަށް ވެގެންދާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މިރޭގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަލްބޭނިއާގެ އެއާ އަލްބޭނިއާ ސްޓޭޑިއަމްގައެވެ. މިމެޗް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖޭގަޑިން ދަންވަރު 12 ޖަހާއިރުއެވެ.