ކުޅިވަރު

އޭޓީކޭއާ ދެކޮޅަށް ކުޅޭއިރުވެސް މާޒިޔާގެ ސްޓައިލަށް ބަދަލެއް ނާންނާނެ: ޖެސިކް


އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ޓީމުތައް ވާދަކުރާ ގްރޫޕް ޑީގެ ފަހު މެޗުގައި އިންޑިއާގެ އޭޓީކޭ މޯހަން ބަގާންއާ ދެކޮޅަށް ނުކުންނައިރު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުޅެމުން އައި ސްޓައިލަށް ބަދަލެއް ނާންނާނެ ކަމަށް އެ ޓީމުގެ ކޯޗު މަޔޮޑްރަގް ޖެސިކް ބުނެފިއެވެ.

އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް މިއަދު ކުޅޭއިރު، މި ގްރޫޕްގައި ހިމެނޭ ހަތަރު ޓީމަށްވެސް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. އެހެންކަމުން މި ގްރޫޕުން ދެވަނަ ބުރަށް ދާނެ ޓީމެއް ކަށަވަރުވާނީ މިއަދު ކުޅޭ މެޗުތަކުންނެވެ. މިއަދު ހަވީރު ބަޝުންދަރާ ކިންގްސް ނުކުންނާނީ އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ގޯކުލަމްއާ ދެކޮޅަށެވެ. އެ މެޗު ބަޝުންދަރާއިން ކާމިޔާބު ކޮށްފިނަމަ، މިރޭ މާޒިޔާ ކުޅޭ މެޗުގެ ކުރިން އެ ޓީމު މުބާރާތުން ކަޓާނެއެވެ.

މި މުބާރާތުގައި މާޒިޔާ ކުޅުނު ފުރަތަމަ މެޗުން ބަލިވީ ބަޝުންދަރާ އަތުން 1-0 ގެ ނަތީޖާއަކުންނެވެ. އެކަމަކު ދެވަނަ މެޗުގައި ގޯކުލަމް ކެރެލާ އެފްސީ އަތުން ވަނީ 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

މިރޭގެ މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މާޒިޔާގެ ކޯޗު ޖެސިކް ބުނީ މި މެޗަށްވެސް މާޒިޔާއިން ނުކުންނާނީ ފުރަތަމަ ދެ މެޗެކޭ އެއްގޮތަށް މޮޅުވާން ކަމަށެވެ. އަދި މެޗަށް ނުކުންނައިރު މާޒިޔާއަށް އޭޓީކޭގެ ކޮލެޓީ އެނގޭ ކަމަށާއި، އެޓީމުގެ ބަލިފައިތައް އެނގިފައިވާ ކަމަށް ޖެސިކް ބުންޏެވެ. އަދި މާޒިޔާއިން މަސައްކަތް ކުރާނީ އެ ޓީމުގެ ބަލިފައިތަކުގެ ބޭނުން ހިފަން ކަމަށް ޖެސިކް ބުނިއެވެ.

ޖެސިކް ބުނީ މިއަދު ކުޅޭ މެޗުތައް ކުޅެން ޖެހޭނީ އެއްވަގުތެއްގައި ކަމަށް ދެކޭ ކަމަށެވެ. އެކަމަކު، މިއަދު ހަވީރު މެޗުގައި ކޮންމެ ގޮތަކަށް ނަތީޖާ ނުކުތް ކަމުގައިވީ ނަމަވެސް، މާޒިޔާއިން ކުޅޭނީ ފަހު މެޗުން މޮޅެއް ހޯދަން ކަމަށް ޖެސިކް ވަނީ ބުނެފައެވެ.

މާޒިޔާ އާއި އޭޓީކޭ މޯހަން ބަގާން ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 20:00 ގައެވެ.