ދުނިޔެއަށް ނުރައްކާތެރި ގޮންޖެހުންތައް ކުރިމަތިވަމުންދާކަމަށާއި އޭގެ ތެރޭގައި ހަނގުރާމައާއި ކޯވިޑް-19އާއި މަކުނުވިދުރި ހިމެނޭކަމަށް ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމުޢިއްޔާއިން ބުނެފިއެވެ.
ސުވިޓުޒަލޭންޑުގެ ޖެނީވާގައި ބާއްވައި ދުނިޔޭގެ ޞިއްޙަތާބެހޭ ޢާއްމު ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމުޢިއްޔާގެ އެންމެ އިސްވެރިޔާ ޓެޑުރޮސް އަދަނޮމު ގެބްރިޔޭސުސް ވިދާޅުވީ ދުނިޔެއަށް ކުރިމަތިވެފައިވާ ހަމައެކަނި ބަލިމަޑުކަމަކީ ކޯވިޑް-19 ނޫންކަމަށާއި ދުނިޔޭގެ އެކި ޤައުމުތަކުގައި އެބޮލާއާއި ހެޕަޓައިޓިސް ފެތުރެމުންދާކަމަށާއި ގިނަ ޢަދަދެއްގެ ޤައުމުތަކަށް ހަނގުރާމައާއި ހަމަނުޖެހުމުގެ ސަބަބުން ބޮޑެތި އިންސާނީ ކާރިޘާތަކާ ކުރިމަތިލާން ޖެހިފައިވާކަމަށެވެ. އަދި ހަނގުރާމައާއި ފަޤީރުކަމާއި ތަފާތުކުރުންތަކުގެ ސަބަބުން އެތައް މިލިޔަން މީހުންނަކަށް އެ ކަމުގެ އަސަރުކޮށްފައިވާކަމަށްވެސް ގެބްރިޔޭސުސް ފާހަގަކުރެއްވިއެވެ.
އެމެރިކާއާއި ވިލާތުގެ ޤައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ މަކުނުވިދުރީގެ ތަޙުޤީޤެއްކުރަމުންދާކަމަށް ޞިއްޙަތާބެހޭ ޖަމުޢިއްޔާއިންވަނީ ބުނެފައެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި މަކުނުވިދުރި ފެތުރޭ ޤައުމުތަކުގެ ޢަދަދު އިތުރުވުމުގެ ފުރުޞަތު އޮތްކަމަށްވެސް އެ ޖަމުޢިއްޔާއިން ބުނެފައިވެއެވެ.
އެމެރިކާއާއި ވިލާތުގެ ޤައުމުތަކުގައި 100އަށްވުރެ ގިނަ މީހުންނަށްވަނީ މަކުނުވިދުރި ޖެހިފައެވެ. މަންކީޕޮކްސަށް ވެކްސިންނެއް އުފައްދާފައެއް ނުވެއެވެ. ނަމަވެސް އެ ބައްޔާ އެއްގޮތް އެހެން ބައްޔެއްކަމަށްވާ ކަށިވިދުރިއަށް ބޭނުންކުރާ ވެކްސިންނަކީ މަންކީޕޮކްސާ ދެކޮޅަށް %85އަށް މަސައްކަތްކުރާ ވެކްސިންނެއްކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުއިއްޔާއިން ބުނެފައިވެއެވެ.