މުނިފޫހިފިލުވުން

"މިޝަން އިމްޕޮސިބަލް 7" ގެ ޓީޒަރ މިއޮތީ..


ޓޮމް ކްރޫޒް ޖާސޫސީ އެޖެންޓެއްގެ ރޯލުން ފެންނަ "މިޝަން އިމްޕޮސިބަލް" ގެ ޕްރެންޗައިޒްގެ ފިލްމުތަކަކީ ވަރަށް ކާމިޔާބު ފިލްމުތަކެވެ. މި ސީރީޒްގެ 7 ވަނަ ފިލްމު މިހާރު މިވަނީ ސްކްރީނަށް އަންނަން ތައްޔާރުވެފައެވެ.

މި ފަހަރުގެ ފިލްމަށް ދީފައިވާނަމަކީ "މިޝަން އިމްޕޮސިބަލް - ޑެޑް ރެކަނިންގް" އެވެ. ޕެރަމައުންޓް ޕިކްޗަރސް އިން އުފައްދާ މި ފިލްމުގެ ޓީޒަރވެސް މިހާރު މި ވަނީ ދައްކާލާފައެވެ.

ކްރޫޒާ އެކު "މިޝަން އިމްޕޮސިބަލް 7" ގެ ކާސްޓުންގެ ތެރޭގައި ރެބެކާ ފާގަސަން އާ މީ ސީރީޒްގެ ފިލްމުތަކުގެ ކާސްޓާ އަލަށް ގުޅޭ ހޭލީ އެޓްވެލް އާއި ޕޮމް ކްލެމެންޓިއެފްގެ އިތުރުން ދާދި ފަހުން ރިލީޒްކޮށް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ޖޯކާ" ގެ ކާސްޓްގައި ހިމެނޭ ޝިއާ ވިގަމްވެސް ހިމެނެ އެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ ކްރިސްޓޯފާ މެކްއަރީއެވެ. "މިޝަން އިމްޕޮސިބަލް 7" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ޖުލައި 14 ގައެވެ. މީގެކުރިން ފިލްމު ރިލީޒްކުރަން ތާވަލުކޮށްފައިއޮތީ 2021 ވަނަ އަހަރުގެ ޖުލައި މަހަށެވެ.

މީގެ ޝޫޓިން މިދިޔަ ސެޕްޓެމްބަރު މަހު ނިންމާލުމަށްފަހު ކްރޫޒް މިހާރު ދަނީ މި ފިލްމުގެ 8 ވަނަ ބައިގެ ޝޫޓިންތައް ނަގަމުންނެވެ. 8 ވަނަ ބައި ގެނެސްދޭނީ 2025 ވަނަ އަހަރުގެ އޯގަސްޓުމަހުއެވެ.

1996 ވަނަ އަހަރު ދައްކަންފެށި "މިޝަން އިމްޕޮސިބަލް" ގެ ފިލްމުތަކަކީ ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ކާމިޔާބު ފިލްމުތަކެކެވެ. މި ސީރީޒްގެ އެންމެ ފަހުގެ ފިލްމު "ފޯލްއައުޓް" ރިލީޒްކުރީ މިދިޔަ އަހަރު އެވެ. ކްރިސްޓޯފާ ލިޔެ ޑައިރެކްޓްކުރި އެ ފިލްމު 178 މިިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި އިރު ބޮކްސް އޮފީހުގައި ފިލްމަށް 791.1 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.
ކްރޫޒް ދެން އެންމެ އަވަހަށް ފެންނާނީ "ޓޮޕް ގަން: މެވެރިކް" އިންނެވެ. މި ފިލްމަކީ 1986 ގެ "ޓޮމް ގަން" ގެ ސީކްއެލް އެވެ.