ކުޅިވަރު

ރޭސިން އެސޯސިއޭޝަނުން ބޭއްވި "ޗަރުކޭސް" ގެ އެއްވަނައަށް އަޝްފާގް


ރޭސިން އެސޯސިއޭޝަން އޮފް ދި މޯލްޑިވްސް (ރާމް) އިން ބޭއްވި "ޗަރުކޭސް" އިވެންޓުގެ އެއްވަނަ އަލީ އަޝްފާގް ހޯދައިފިއެވެ.

ރޭސިން އެސޯސިއޭޝަނުން ކުރިއަށްގެންދިޔަ މި މުބާރާތުގައި ހަ ރައިޑަރުން ވަނީ ބައިވެރިވެފައެވެ.

ފަސް އޮބްސްޓެކަލްއަށް ބަހާލައިގެން ގެންދިޔަ މި މުބާރާތުގައި ކޮންމެ އޮބްސްޓެކަލްއަކަށް ލިބެނީ 50 ޕޮއިންޓެވެ. އެއީ ޖުމްލަ 250 ޕޮއިންޓެވެ. މި އިވެންޓުގައި ހިމެނޭ އޮބްސްޓެކަލްތަކަކީ ސީސޯ ޕްލޭކް، ފިގަރ 8 އަދި ޑްރިފްޓް ބޮކްސްގެ އިތުރުން ދަޅެވެ.

މީގެ އިތުރުން ހިމެނޭ އަނެއް 50 ޕޮއިންޓްގެ ތެރެއިން 40 ޕޮއިންޓަކީ ފްރީސްޓައިލްއަށް ދޭ 40 ޕޮއިންޓެވެ. އަދި ބާކީ 10 ޕޮއިންޓަކީ ދެ މިނެޓު ތެރޭގައި ހުރިހާ އޮބްސްޓެކަލް ފުރިހަމަކުރުމުން ލިބޭ 10 ޕޮއިންޓެވެ. މި އިވެންޓުގައި ރޭސް ޖަހަން ކޮންމެ ރައިޑަރަކަށް ސީޝާގެ ފަރާތުން ހޮންޑާ ވިނާ އެކްސް ސައިކަލެއް ދީފައިވެއެވެ. އަދި ކޮންމެ ރައިޑަރަކުވެސް ރޭސް ނިންމަން ޖެހެނީ މި ސައިކަލުގައެވެ.

މި އިވެންޓްގެ އެއްވަނައަށް ދިޔައީ އަލީ އަޝްފާގެވެ. އަދި ދެވަނައަށް ދިޔައީ ޝުއައިބް މުޙައްމަދެވެ. މި ދެ ރައިޑަރުންނަކީވެސް ސިންކްރޯނިކް ރައިޑާސްގެ ރައިޑަރުންނެވެ.

ރޭސިން އެސޯސިއޭޝަނުން ބުނީ ސްޓަންޓް ހަދަން ބޭނުންވާ ކުދިންގެ އާދޭސްއަށް ނިމުމެއް ގެނަސް ސްޓަންޓަށް ހާއްސަ އިވެންޓެއް ބޭއްވިގެން ދިޔުމަކީ މިކަން ކުރިއަރާ ކަމުގެ ހެއްކެއް ކަމަށެވެ.

ރޭސިން އެސޯސިއޭޝަނުގެ ނައިބު ރައީސް ޝަރުވާން ވިދާޅުވީ، ރާމްގެ މަގުސަދަކީ މި ކުޅިވަރުގައި އުޅޭ އެއްވެސް ކުއްޖެއް ބާކި ނުކުރުން ކަމަށާއި، އަދި އެއިން ކޮންމެ ކުއްޖަކަށްވެސް އެ ކުއްޖެއްގެ ހުނަރު ދައްކާނެ ޕްލެޓް ފޯމެއް ގާއިމުކުރުން ކަމަށެވެ. އަދި އެކަން ރާމްއިން ކުރިއަށް ގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ވަޒީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޭސިން އަދި ރޭސިން އާއި ގުޅޭ މިފަދަ ހަރަކާތްތަކަށް ހައްލެއް ހޯދާދިނުމަކީ މި ސަރުކާރުގެ އުންމީދެއް ކަމަށާއި، އެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.