ކުޅިވަރު

ވެސްޓާން ކޮންފަރެންސްގެ ފައިނަލުގައި ވޮރިއާސްއަށް ތިން މެޗުގެ ލީޑެއް


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގެ ޕްލޭއޮފްގެ ވެސްޓާން ކޮންފަރެންސް ފައިނަލުގައި ގޯލްޑަން ސްޓޭޓް ވޮރިއާސްއިން ތިން މެޗުގެ ލީޑެއް ނަގައިފިއެވެ.

ވެސްޓާން ކޮންފަރެންސްގައި ވޮރިއާސްއިން ތިން މެޗުގެ ލީޑު ނެގީ ރަށުން ބޭރުގައި ކުޅުނު ތިންވަނަ މެޗުގައި ޑެލަސް މެވްރިކްސްއާ ވާދަކޮށް ކާމިޔާބުކޮށްގެންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗް ވޮރިއަރސްއިން ކާމިޔާބުކުރީ 109 ޕޮއިންޓް 100 ޕޮއިންޓުންނެވެ. މި މެޗްގައި ވޮރިއަރސްގެ ސްޓެފަން ކަރީ ވަނީ 31 ޕޮއިންޓް ހޯދާދީ، 5 ރީބައުންޑް ނަގާދީ، 11 އެސިސްޓް ކޮށްފައެވެ. އަދި އެންޑްރޫ ވިގިންސް ވަނީ 27 ޕޮއިންޓް ހޯދާދީ، 11 ރީބައުންޑް ނަގާދީ، 3 އެސިސްޓް ކޮށްފައެވެ. މެވްރިކްސްއަށް މިމެޗްގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 40 ޕޮއިންޓ ހޯދާދީ، 11 ރީބައުންޑް ނަގާދީ، 3 އެސިސްޓް ދިން ލޫކާ ޑޮންޗިޗެވެ.

މި ކާމިޔާބީއާއެކު ވޮރިއަރސް މި ވަނީ ވެސްޓަރން ކޮންފަރެންސްގެ ފައިނަލް ކާމިޔާބުކުރުމާއި އެއް މެޗަށް ގާތްކޮށްފައެވެ. ކުރިއަށް އޮތް ހަތަރު މެޗުގެ ތެރެއިން އެއް މެޗް ކާމިޔާބުކޮށްފިނަމަ، މި ބައި ވޮރިއަރސްއަށް ކާމިޔާބުވެގެން ނިމޭނެއެވެ. އަދި އެއާއެކު އެންބީއޭ ޕްލޭއޮފްގެ ފައިނަލަށް ވޮރިއަރސް ދަތުރުކުރާނެއެވެ.