ކުޅިވަރު

އެމްބާޕޭގެ އިޚުލާސްތެރި ޝުކުރު ރެއާލުގެ ރައީސަށް


ޕީއެސްޖީގައި މަޑުކުރަން ނިންމި ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓިނޯ ޕެރޭޒަށް އިޚުލާސްތެރިކަމާއެކު ޝުކުރު އަދާކޮށްފިއެވެ.

މި ސީޒަނުގެ ނިޔަލަށް ޕީއެސްޖީގެ އެއްބަސްވުމުގައި މީގެ ކުރިން ހުރި އެމްބާޕޭ ވަނީ ފްރާންސްގެ ޗެމްޕިއަން ޓީމާއެކު ތިން އަހަރު ދުވަހުގެ މުއްދަތަށް އައު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެމްބާޕޭ ޕީއެސްޖީގައި މަޑުކުރަން ނިންމިކަން އެ ކުލަބުގެ ރައީސް ނާސިރު އެލް-ޚެއްލާފީ އިއުލާން ކުރައްވާފައިވަނީ ފްރެންޗް ލީގުގައި ހޮނިހިރު ދުވަހުގެރޭ އަމިއްލަ ދަނޑުގައި ޕީއެސްޖީން މެޓްޒްއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިންނެވެ.

2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި އުމުރުން 23 އަހަރުގެ ކުޅުންތެރިޔާ ޕީއެސްޖީގައި މަޑުކުރަން އެއްބަސްވި ޚަބަރަށް ސްޕެނިޝް ލީގުން ވަނީ ރުޅިވެރިކަމާއެކު ރައްދުދީ، އެ އެއްބަސްވުމަކީ "ޖަރީމާ" އެއްބަސްވުމެއް ކަމަށް ބުނެ، ޔުއެފާގެ އިތުރުން ފްރާންސް އަދި އީޔޫގެ ކަމާބެހޭ ފަރާތްތަކަށް ޝަކުވާ ހުށަހަޅަން ރާވާފައިވާކަން އިއުލާންކޮށްފައެވެ.

އާދީއްތަ ދުވަހު އެމްބާޕޭ ނެރުނު ބަޔާނެއްގައި ބުނީ ޕީއެސްޖީގައި ކުރިއަށް ދިއުމަށް ހުރިހާ ވަސީލަތްތަކެއް ދެމުން އަންނަ ކުލަބެއް ކަމަށެވެ. އެކަމަކު އެމްބާޕޭ ވަނީ ރެއާލް މެޑްރިޑާއި އެޓީމުގެ ރައީސް ފްލޮރެންޓިނޯ ޕެރޭޒަށްވެސް އިޚުލާސްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ. އެމްބާޕޭ ބުނީ ރެއާލުގެ މާޔޫސްކަން އޭނާ ތަސައްވަރު ކުރެވޭ ކަމަށާއި، އެހެންކަމުން ޕެރިހުގައި ބާއްވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އޭނާ ވާނީ ރެއާލުގެ އެންމެ ބޮޑު ސަޕޯޓަރަށް ކަމަށެވެ.

ޕީއެސްޖީގައި މަޑުކުރުމާ ގުޅޭގޮތުން އެމްބާޕޭ އިތުރަށް ބުނީ، އެ ކުަލބުެ ރައީސް ނާސިރު އެލް-ޚެލައިފީ ދެއްވި އިތުބާރާއި، ސަމާލުކަމާއި، ކެތްތެރިކަމަށްޓަކައި ޝުކުރު އަދާކުރާ ކަމަށެވެ.

އެމްބާޕޭ އެންމެ ފުރަތަމަ ޕީއެސްޖީއާ ގުޅުނީ 2017 ވަނަ އަހަރު މޮނާކޯ ދޫކޮށް ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެކަމަކު 2018 ވަނަ އަހަރު ޕީއެސްޖީން ވަނީ 145 މިލިޔަން ޔޫރޯ ދެއްކުމަށްފަހު އެމްބާޕޭގެ އެއްބަސްވުން ދާއިމީކޮށްފައެވެ.

އެމްބާޕޭ ވަނީ މިހާތަނަށް ޕީއެސްޖީގައި ހޭދަކުރި ފަސް ސީޒަނުގައި އެ ޓީމާއެކު ފްރެންޗް ލީގު ހަތަރު ފަހަރު ކާމިޔާބުކޮށްފައެވެ. އަދި ވަނީ އެ ޓީމާއެކު ފްރެންޗް ކަޕް ތިން ފަހަރު އަދި ފްރެންޗް ލީގު ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައެވެ.