ކުޅިވަރު

ޕްރިމިއާ ލީގުގެ ރަން ބޫޓު ސަލާހާއި ސޮންއަށް


އިނގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަންގައި އެންމެ ގިނަ ލަނޑު ޖަހައިގެން ލިބޭ ރަން ބޫޓު ލިވަޕޫލުގެ ފޯވާޑް މުހައްމަދު ސަލާހާއި ޓޮޓްނަމް ހޮޓްސްޕާގެ ފޯވާޑް ސޮން ހެއުން-މިން ހޯދައިފިއެވެ.

އެ ދެ ކުޅުންތެރިންވަނީ މި ސީޒަންގެ ލީގުގައި ޖުމްލަ 23 ލަނޑު ޖަހާފައެވެ.

އެންމެފަހު މެޗަށް މި ދެކުޅުންތެރިން ކުރިމަތިލިއިރު ސަލާހް އުޅުނީ ސޮން އަށްވުރެ އެއް ލަނޑުގެ ތަފާތުން ކުރީގައެވެ. ނަމަވެސް ރޭ ކުޅުނު މެޗުތަކުގައި ސަލާހަށް އެއް ލަނޑު ކާމިޔާބުކުރެވުނުއިރު، ސޮން ވަނީ ދެ ލަނޑު ޖަހާފައެވެ.

ސްޕާސް އާއި ނޮރިޗް ސިޓީ ބައްދަލުކުރި މެޗުގައި ސޮންއަށް މީގެއިތުރުންވެސް ލަނޑު ޖަހާނެ ފުރުސަތު ލިބިގެންދިޔައެވެ. އަދި ރޭ ލިވަޕޫލުން ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗު ސަލާހް ފެށީ ބެންޗުންނެވެ. އެއީ އޭނާއަށް މިދޭތެރެއިން ލިބިފައިވި އަނިޔާއަށް ފަހު އަދި މުޅިން ފިޓްނުވުމުގެ އިތުރުން، ކުރިއަށް އޮތް ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް އޭނާއަށް އިތުރު އަނިޔާއެއް ލިބުނަ ނުދިނުމުގެ ގޮތުންނެވެ.

މިއީ ޕްރިމިއާ ލީގުގެ ރަން ބޫޓު ސަލާހް ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. އެކަމަކި މިއީ ސޮންއަށް މި އިނާމް ލިބުނު ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން މިފަހަރުގެ ސީޒަންގެ ގޯލްޑަން ގްލޯވް ލިބުނީ މެންޗެސްޓާ ސިޓީގެ އެޑާސަން އާއި ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާއަށެވެ. މި ދެކީޕަރުންވެސް ވަނީ މި ސީޒަންގައި ބައިކޮޅަށް ލަނޑެއް ވަނަނުދީ 20 މެޗު ހަމަކޮށްފައެވެ. އެޑަސަން ވަނީ ވޭތުވެދިޔަ ދެ ސީޒަންގައިވެސް މި މަގާމް ހޯދާފައެވެ. އެލިސަންއަށް މި މަގާމް އެންމެފަހުން ހޯދިފަވަނީ 2018-2019 ވަނަ އަހަރުގެ ސީޒަންގައެވެ.

އަދި މި ފަހަރުގެ ޕްލޭ މޭކާގެ އިނާމް ލިބުނީ ލިވަޕޫލްގެ މުހައްމަދު ސަލާހަށެވެ. އޭނާ ވަނީ 13 އެސިސްޓް މި ސީޒަންގައި ދީފައެވެ. އޭނާ އާއި އެންމެ ގާތުން ވާދަކުރީ އެ ޓީމްގެ އެހެން ކުޅުންތެރިއެއް ކަމަށްވާ ޓްރެންޓް އެލެގްޒެންޑަ އާނޯލްޑެވެ.