ކުޅިވަރު

11 އަހަރަށްފަހު މިލާނުން ތަށި އުފުލާލައިފި


އިޓާލިއަން ލީގުގެ ތަށި 11 އަހަރަށްފަހު އޭސީ މިލާނުން އުފުލާލައިފިއެވެ.

މިއީ މިލާނުން ލީގު ކާމިޔާބުކުރި 19 ވަނަ ފަހަރެވެ. ދިގު އިންތިޒާރަކަށްފަހު މިލާނުން ލީގު ކާމިޔާބުކުރީ ރޭ ކުޅުނު އެންމެ ފަހު މެޗުގައި ސަސުއޯލޯ އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

ލީގުގެ ތަށި ކާމިޔާބުކުރުމަށް އެންމެ ޕޮއިންޓެއް ބޭނުންވި މިލާނުން މި މެޗްގައި ޖެހި ފުރަތަމަ ލަނޑު މެޗްގެ 17 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މި ސީޒަނަށް މިލާނާ ގުޅުނު އޮލިވިއޭ ޖިރޫއެވެ. އަދި މެޗްގެ 32 ވަނަ މިނެޓްގައި ޖިރޫ ވަނީ މިލާންގެ ލީޑު ފުޅާކޮށްދީފައެވެ. ދެން މި މެޗުގައި މިލާންގެ ފަހު ލަނޑު މެޗްގެ 36 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފްރޭންކް ކެސީއެވެ.

މި ކާމިޔާބީއާއެކު މިލާނަށް ލީގު ކަމިޔާބުކުރެވުނީ 38 މެޗުން 86 ޕޮއިންޓާއެކުއެވެ. ދެވަނައަށް ދިޔަ އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނުން ފަހު މެޗުގައި ސަމްޕްޑޯރިއާ އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވި ނަމަވެސް، އެ ޓީމަށް ލިބިފައިވަނީ 84 ޕޮއިންޓެވެ. އެހެންކަމުން މިލާނަށް ކުރި ލިބިފައިވަނީ ދެ ޕޮއިންޓުގެ ތަފާތުންނެވެ.

އިޓަލީގެ އިތުރުން ޔޫރަޕްގައިވެސް ކުރިން ގަދަ ބާރެއްގެ ގޮތުގައި ފާހަގަވެފައިވި މިލާނަށް މިދިޔަ 10 ވަރަކަށް އަހަރު ވެގެންދިޔައީ ވަރަށް ނާކާމިޔާބު ދުވަސްތަކަކަށެވެ. އަދި މިކާމިާބީއާއެކު އަނެއްކާވެސް މިލާން ކުރި އޮތް ހިސާބަށް މިސްރާބު ޖަހަފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަދި މިކަމުގައި އެންމެ ބޮޑު ދައުރެއް އަދާކޮށްފައިވަނީ އެ ޓީމްގެ ކުރީގެ ތަރި ޕައުލޯ މަލްޑީނީއެވެ. އެއީ މިހާރު ހުރި ކޯޗު ސްޓެފާނޯ ޕިއޯލީ އާއި މިހާރު ޓީމުގައި ތިބި ގިނަ ކުޅުންތެރިން މިލާނަށް ގެނެސް، އެ ޓީމު އެކުލަވާލުމުގައި އެންމެ ބޮޑު ދައުރެއް އަދާކޮށްފައިވަނީ މަލްޑީނީއެވެ.