ކުޅިވަރު

ފަހަތުން އަރައި މޮޅުވެ ސިޓީން ތަށި ދިފާއުކޮށްފި


އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މެންޗެސްޓާ ސިޓީން ހޯދައިފިއެވެ.

ލީގު ޗެމްޕިއަންކަން ސިޓީން ހޯދީ ރޭ ކުޅުނު ފަހު މެޗުގައި އެސްޓަން ވިލާ އަތުން ފަހަތުން އަރައި މެޗު ކާމިޔާބުކޮށްގެންނެވެ. ސިޓީގެ ސަޕޯޓަރުން އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ނޭވާ ހިފަހައްޓާލައިގެން ތިބެންޖެހުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 3-2 ގ ނަތީޖާއަކުންނެވެ.

މި މެޗުގައި ސިޓީން ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، މެޗުގެ ބަޑު ބައެއްގައި އެ ޓީމުގެ ފަރާތުން ހާސްކަމާއި މެޗު ކާމިޔާބުކުރުމުގެ ޕްރެޝަރު އޮތްކަން ވަރަށް ބޮޑަށް ފާހަގަވެގެންދިޔައެވެ. ނަތީޖާއަކަށް ވެގެންދިޔައީ ވިލާއިން މި މެޗްގައި އުފެއްދި ފުރަތަމަ ހަމަލާގައި ލީޑު ނެގުމެވެ. މެޗްގެ 37 ވަނަ މިނެޓްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނ މެޓީ ކޭޝްއެވެ.

މި މެޗްގެ ދެވަނަ ހާފަށް ސިޓީން އިތުުރު ހިތްވަރަކާއެކު ނުކުތް ނަމަވެސް، މި ހާފްގެ ކުރީކޮޅު އުފެއްދި އެއްވެސް ހަމަލާއެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. އެއާއެކު މެޗުގެ 69 ވަނަ މިނެޓުގައި ފިލީޕޭ ކޯޓީނިއޯ ވަނީ ލަނޑެއް ޖަހައިދީ، ވިލާގެ ލިޑު ފުޅާކޮށްދީފައެވެ.

މި ލަނޑާއެކު ސިޓީއަށް ލީގު ގެއްލުމުގެ އިހްސާސް ކުރެވިގެން ދިޔައިރު، ލީގަށް ސިޓީއާ ވާދަކުރަމުންދިޔަ ލިވަޕޫލްގެ ސަޕޯޓަރުން ވަނީ އުފާފާޅުކޮށްފައެވެ. އެކަމަކު މި މެޗްގައި ސިޓީއަށް ހިތްވަރެއް ލިބިގެންދިޔައީ މެޗްގެ 76 ވަނަ މިނެޓްގައި ބަދަލު ކުޅުންތެރިޔާ އިލްކާއި ގުންޑޮގާން ޖަހާދިން ލަނޑުންނެވެ. އޭގެ ދެ މިނެޓް ފަހުން ރޮޑްރީ ވަނީ ސިޓީއަށް މެޗްގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މިއާއެކު އާ ޖޯޝަކާއެކު ސިޓީއިން ކުޅުނުއިރު، މިމެޗުން ސިޓީ މޮޅުވި ލަނޑު މެޗްގެ 81 ވަނަ މިނެޓްގައި ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ގުންޑޮގާންއެވެ.

މި ކާމިޔާބީއާއެކު ސިޓީއަށް ވަނީ ކުޅުނު 38 މެޗުން 93 ޕޮއިންޓް ލިބިފައެވެ. އަދި އެންމެ ގާތުން ވާދަކުރި ލިވަޕޫލުން ފަހު މެޗުގައި ވުލްވްސް އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވި ނަމަވެސް، އެ ޓީމަށް ލިބުނީ 92 ޕޮއިންޓެވެ. އެހެންކަމުން މި ފަހަރުގެ ލީގު ސިޓީއަށް ކާމިޔާބު ކުރެވިފައިވަނީ އެއް ޕޮއިންޓުގެ ތަފާތުންނެވެ.

އަދި މިއާއެކު މި ސީޒަންގައި ހަތަރު ތަށި ކާމިިޔާބުކުރުމަށް ލިވަޕޫލުން ކުރަމުންދިޔަ އުއްމީދު މިވަނީ ބީވެގެން ގޮސްފައެވެ. މިއީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ސިޓީން ޕްރިމިއާ ލީގު ކާމިޔާބުކުރި ހަތަރުވަނަ ފަހަރެވެ. އަދި މިއީ އެ ޓީމުން ތަށި ދިފާއުކުރި ދެވަނަ ފަހަރެވެ.