ޚަބަރު

މާލޭގެ ފިހާރަތަކުން ކުނިވެފައިހުންނަ ބިސް ވިއްކާކަމުގެ ޝަކުވާ!


މާލޭގެ ފިހާރަތަކުން ވިއްކާ ބިސް ކުނިވެފައި ހުންނަކަމުގެ ޝަކުވާ ލިބެމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ)އިން ބުނެފިއެވެ.

އެމް.އެފް.ޑީ.އޭއިން ވިދާޅުވީ މިކަމުގެ ސަބަބުން އާއްމު ޞިއްޙަތަށް ނޭދެވޭ އަސަރުކުރާ އަދި ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ފެތުރޭފަދަ ނުރައްކާތެރި ޙާލަތެއް މެދުވެރި ވުމުގެ ފުރުސަތު އޮތްކަމަށެވެ.

އެގޮތުން ފިނި ކޮށްފައިހުންނަ ބިސް ރައްކާތެރިކަމާއިއެކު ބެހެއްޓޭނީ ގިނަވެގެން 3 މަހުގެ މުއްދަތަކަށްކަމަށާއި ފިނި ނުކޮށް ބެހެއްޓޭނީ 28 ދުވަހުގެ މުއްދަތަށްކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ. އަދި މުއްދަތު ހަމަވާ ތާރީޚު ހަމަވުމުން ބިސް ކުނިވުމުގެ ފުރުސަތު އޮންނާނެކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ.

ބިސް ވިއްކަން ބަހައްޓާއިރު ރައްކާކުރުމަށް ކަނޑައެޅިފައިވާ ފިނިހޫނުމިން ކޮންޓްރޯލްކޮށް މުއްދަތު ހަމަވާ ތާރީޚު އެނގޭގޮތަށް ބިސް ވިއްކުމަށް އެމް.އެފް.ޑީ.އޭއިން ވަނީ ވިދާޅުވެފައެވެ. އަދި ބިސް ގަންނަ ފަރާތްތަކުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް އެ އޮތޯރިޓީން އިލްތިމާސްކުރައްވައެވެ.