ކުޅިވަރު

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް އަންނަ ޖުލައި މަހު


ސައުތު އޭޝިއަން ފުޓްބޯޅަ ފެޑަރޭޝަން (ސާފް) އިން ބާއްވާ 20 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތް އަންނަ ޖުލައި މަހު އިންޑިއާގައި ބާއްވަން ތައްޔާރުވެއްޖެއެވެ.

އެހެން ފަހަރުތަކުގައި 19 އަހަރާއި 18 އަހަރުން ދަށަށް ބާއްވަމުން އައި ސާފް ޔޫތު މުބާރާތް މި ފަހަރު ކުޅޭނީ 20 އަހަރުން ދަށަށެވެ. މި މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ ޖުލައި މަހުގެ 25 އިން އޮގަސްޓް މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގެ ބުބަނޭޝްވަރުގައެވެ.

މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ އިތުރުން ބައިވެރިވެފައިވަނީ އިންޑިއާ އާއި، ނޭޕާލް، ބަންގްލަދޭޝް އަދި ސްރީ ލަންކާއެވެ. ފީފާގެ ސަސްޕެންޝަނެއްގައި ޕާކިސްތާން އޮތްއިރު، ބޫޓާންގެ ފުޓްބޯޅަ އޮތީ ހުއްޓުމެއްގައެވެ.

20 އަހަރުން ދަށުގެ ސާފް މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޒުވާން ޓީމު ވަރުގަދަ ކުރުމަށް އެފްއޭއެމުން ވަނީ 19 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތެއް މިއަހަރު ބާއްވާފައެވެ. އެ މުބާރާތުން ފާހަގަކުރެވުނު ކުޅުންތެރިންނާ އެކު 20 އަހަރުން ދަށުގެ ޓީމެއްގެ ޕްރިމިލިނަރީ ސްކޮޑެއް އެކުލަވާލައި، ޓީމުގެ ފަރިތަކުރުންތައް ކުރިއަށްގެންދަނީ ކޯޗު އަޙްމަދު ޝާކިރު (ޝާކިއްޓެ) ގެ އިރުޝާދުގެ ދަށުންނެވެ.

ކުރިން ގައުމީ ސީނިއާ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރި ޝާކިއްޓެ، ވަނީ މީގެ ކުރިން 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ކޯޗުކޮށްދީފައެވެ. ޝާކިއްޓެގެ ބެލުމުގެ ދަށުން ޓީމު ފަރިތަކުރަމުން އަންނައިރު، 20 އަހަރުން ދަށުގެ ޓީމުގައި ހިމެނޭ ބައެއް ކުޅުންތެރިން އަންނަނީ ސީނިއާ ގައުމީ ޓީމުގެ ޕްރެކްޓިހުގައި ވެސް ބައިވެރިވަމުންނެވެ.

މިފަހަރުގެ ސާފް މުބާރާތް ކުޅޭނީ ފަސް ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ދާ ގޮތަށެވެ. މި މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ޖުލައި މަހުގެ 25 ވަނަ ދުވަހު ރާއްޖެއިން ނުކުންނާނީ ނޭޕާލްއާ ދެކޮޅަށެވެ. އޭގެ ހަތަރު ދުވަސް ފަހުން ޖުލައި މަހުގެ 29 ވަނަ ދުވަހު ބަންގްލަދޭޝް އާއި ދެކޮޅަށް ރާއްޖެއިން ނުކުންނައިރު ޖުލައި މަހުގެ 31 ގައި ރާއްޖެއިން ނުކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ. އަދި ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެއިން އޮގަސްޓް މަހުގެ ދެވަނަ ދުވަހު ނުކުންނާނީ މުބާރާތް ބާއްވާ ގައުމު އިންޑިއާއާ ދެކޮޅަށެވެ.