ކުޅިވަރު

ވިމެންސް ޗެމްޕިއަންސް ލީގު އަށްވަނަ ފަހަރަށް ލިޔޯނުން ކާމިޔާބުކޮށްފި


ޔުއެފާ ވިމެންސް ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ބާސެލޯނާ ބަލިކޮށް ޔޫރަޕުގެ ރާނީގެ ތާޖު ރިކޯޑު ލިޔޯނުން ދިގުކޮށްފިއެވެ.

އިޓަލީގެ ޓިއުރިންގައި ކުޅުނު މި ފައިނަލް މެޗު ލިޔޯނުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މިއީ ލިޔޯނުން މި މުބާރާތް ކާމިޔާބުކުރި އަށްވަނަ ފަހަރެވެ.

ރޭ ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީވެސް ލިޔޯނުންނެވެ. މެޗު ފަށައިގެން ހަވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަމަންޑައިން ހެންރީއެވެ. އަދި މެޗުގެ 23 ވަނަ މިނެޓުގައި އެޑާ ހެގަބާގް ވަނީ ލިޔޯނުގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި ލިޔޯނުން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ 33 ވަނަ މިނެޓުގައި ޖަހައިދިނީ ކެޓަރީނާ މަކާރިއޯއެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ކެޕްޓަން އެލެކްސިއާ ޕުޓެއްޔާސް ވަނީ ބާސެލޯނާއަށް ފަރަގު ކުޑަކޮށްދީފައެވެ.

އޭގެ ފަހުން މެޗުގެ ދެވަނަ ހާފުގައި ބާސެލޯނާއިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، އެންމެ ފަހުން 2020 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކުރި ލިޔޯނުން ވަނީ ޔޫރަޕުގެ ތަށި އަނބުރާ ހޯދުމަށް ވަރުގަދައަށް ޑިފެންސް ކޮށްފައެވެ.