ކުޅިވަރު

ލީގުގެ ފަހު މެޗުގައި ޕީއެސްޖީގެ ތަރި އެމްބާޕޭގެ ހެޓްރިކެއް


ޗެމްޕިއަން ޕީއެސްޖީން ފްރެންޗް ލީގުގައި ކުޅުނު ފަހު މެޗުގައި މެޓްޒްއާ ދެކޮޅަށް އެ ޓީމުގެ ތަރި ކީލިއަން އެމްބާޕޭ ހެޓްރިކް ހަދައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބުކޮށްފައިވަނީ ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ކުރިން އެމްބާޕޭ ވަނީ ޕެރިހުގައި މަޑުކުރަން ނިންމައި، ރެއާލް މެޑްރިޑަށް ދިއުމަށް ދެކޮޅު ހަދާފައިވާކަން އިއުލާންކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި އެމްބާޕޭ ދެ ލަނޑު ޖެހިއިރު، މި ހާފުގައި އެ ޓީމުގެ އަނެއް ލަނޑު ޖަހައިދިނީ ނޭމާއެވެ. މިއީ ޕީއެސްޖީއަށް ކާމިޔާބުކޮށްދިން 100 ވަނަ ލަނޑެވެ.

މި މެޗުގެ ދެވަނަ ހާފުގައި ޕީއެސްޖީގެ އަނެއް ދެ ލަނޑު ޖަހައިދިނީ ހެޓްރިކް ހަމަކުރި އެމްބާޕޭ އާއި އެންހެލް ޑި މާރިއާއެވެ. މި މެޗަކީ ޑި މާރިއާ ޕީއެސްޖީއަށް ކުޅެދިން ފަހު މެޗެވެ. އާޖެންޓީނާގެ ކުޅުންތެރިޔާ ޕީއެސްޖީގައި ހަތް އަހަރު ހޭދަކޮށްފައިވާއިރު، އަންނަ ސީޒަނަށް އޭނާ ހޯދުމަށް ޔުވެންޓަސްއިން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ރޭގެ މެޗުގައި އެމްބާޕޭ ހެޓްރިކް ހެދިއިރު، މި ސީޒަނުގެ ފްރެންޗް ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ސޒަން ނިންމާލަނީ 28 ލަނޑާއެކު، މޮނާކޯގެ ވިސާމް ބެން ޔެޑާއަށް ވުރެ ތިން ލަނޑު ކުރީގައި އޮވެގެންނެވެ.

މި މޮޅާއެކު ޗެމްޕިއަން ޕީއެސްޖީން ލީގު ނިންމާލީ ތާވަލުގެ އެއްވަނައިގައި 15 ޕޮއިންޓުގެ ލީޑަކާއެކުއެވެ. އެގޮތުން ޕީއެސްޖީއަށް ކުޅުނު 38 މެޗުން 86 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް މާސޭއަށް ލިބިފައިވަނީ 38 މެޗުން 71 ޕޮއިންޓެވެ. އަދި ރޭގެ ނަތީޖާއާއެކު މެޓްޒް ވަނީ ދެވަނަ ޑިވިޝަނަށް ރެލިގޭޓްވެފައެވެ.