ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން ފްރެއިބާގް ބަލިކޮށް، އާރްބީ ލައިޕްޒީގުން ފުރަތަމަ ފަހަރަށް ޖަރުމަން ކަޕް ކާމިޔާބުކޮށްފިއެވެ.
މިއީ ޖަރުމަނުގެ ފުރަތަމަ ޑިވިޝަނުގައި ލައިޕްޒީގަށް ލިބުނު ފުރަތަމަ ތައްޓެވެ.
ބާލިންގައި ރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެގޮތުން މި މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ ފްރެއިބާގުންނެވެ. މެޗުގެ 19 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެކްސިމިލިއަން އެގެސްޓެއިންއެވެ.
މި މެޗުގެ 57 ވަނަ މިނެޓުގައި ލައިޕްޒީގުގެ މާސެލް ހަލްސްޓެންބާގަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ. އެކަމަކު ކުޅުންތެރިއެއް މަދުކޮށް ކުޅެމުން އައި ލައިޕްޒީގުން ވަނީ މެޗުގެ 76 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކްރިސްޓޮފާ އެންކުންކޫއެވެ.
މެޗުގެ އިތުރު ވަގުތުގެ ދެވަނަ ހާފުގައި ލައިޕްޒީގުގެ ކެވިން ކަމްޕަލް ބެންޗުގައި އިންދައި ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ. މި ދެ ހާފުގައިވެސް ނަތީޖާއަށް ބަދަލެއް ނައުމުން ޕެނަލްޓީ ޖެހިއިރު، ޕެނަލްޓީގައި ލައިޕްޒީގް ކުރިހޯދީ 4-2 ގެ ނަތީޖާއަކުންނެވެ.
މި ނަތީޖާއާއެކު ލައިޕްޒީގުން ޖަރުމަން ކަޕް ކާމިޔާބުކުރިއިރު، މި ފަހަރުގެ ފައިނަލް މެޗަކީ ފާއިތުވި 11 އަހަރު ތެރޭ ބޮރޫޝިއާ ޑޯޓްމުންޑާއި ބަޔާން މިއުނިކް ނެތި ކުޅުނު ފުރަތަމަ ޖަރުމަން ކަޕުގެ ފައިނަލެވެ.