ކުޅިވަރު

ރެއާލަށް ނޫނެކޭ ބުނެ އެމްބާޕޭ ޕީއެސްޖީގައި މަޑުކޮށްފި


ފްރާންސްގެ ފޯވާޑް ކީލިއަން އެމްބާޕޭ ޕީއެސްޖީގައި މަޑުކުރަން އެއްބަސްވެ، ރެއާލް މެޑްރިޑަށް ބަދަލުވާން ދެކޮޅު ހަދައިފިއެވެ.

މި ސީޒަނުގެ ނިޔަލަށް ޕީއެސްޖީގެ އެއްބަސްވުމުގައި މީގެ ކުރިން ހުރި އެމްބާޕޭ ވަނީ ފްރާންސްގެ ޗެމްޕިއަން ޓީމާއެކު ތިން އަހަރު ދުވަހުގެ މުއްދަތަށް އައު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެމްބާޕޭ ޕީއެސްޖީގައި މަޑުކުރަން ނިންމިކަން އެ ކުލަބުގެ ރައީސް ނާސިރު އެލް-ޚެއްލާފީ އިއުލާން ކުރައްވާފައިވަނީ ފްރެންޗް ލީގުގައި ހޮނިހިރު ދުވަހުގެރޭ އަމިއްލަ ދަނޑުގައި ޕީއެސްޖީން މެޓްޒްއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިންނެވެ.

2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި އުމުރުން 23 އަހަރުގެ ކުޅުންތެރިޔާ ސްޕެއިނަށް ބަދަލުވާން ގިނަ ބަޔަކު ދެކެމުން އައި ނަމަވެސް، އޭނާ ވަނީ އޭނާގެ މުސްތަގުބަލު ޕީއެސްޖީގައި ހޭދަކުރުމަށް ނިންމާފައެވެ. އެމްބާޕޭ ޕީއެސްޖީގައި މަޑުކުރަން އެއްބަސްވި ޚަބަރަށް ސްޕެނިޝް ލީގުން ވަނީ ރުޅިވެރިކަމާއެކު ރައްދުދީ، އެ ޑީލް ޔުއެފާގެ އިތުރުން ފްރާންސް އަދި އީޔޫގެ ކަމާބެހޭ ފަރާތްތަކަށް ޝަކުވާ ހުށަހަޅަން ރާވާފައިވާކަން އިއުލާން ކޮށްފައެވެ.

ސްޕެނިޝް ލީގުގެ ރައީސް ހާވިއޭ ޓެބާސް އަކީ ޕީއެސްޖީ އާއި މެންޗެސްޓާ ސިޓީ ފަދަ ބޮޑެތި ޚަރަދުތަކެއް ކުރާ ޔޫރަޕުގެ ކުލަބުތަކުގެ އިތުރުން ޔޫރަޕިއަން ސުޕަ ލީގަށް ހުށަހަޅާފައިވާ ކުލަބުތަކާވެސް ވަރުގަދަ ދެކޮޅުވެރިއެކެވެ. ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި އޭނާ ބުނީ ފާއިތުވި ސީޒަންތަކުގައި 700 މިލިޔަން ޔޫރޯގެ ގެއްލުމާއި، 600 މިލިޔަން ޔޫރޯއަށް ވުރެ ގިނަ އުޖޫރަ ލިބުމުން, ގިނަ އަދަދެއްގެ ފައިސާއިން އެމްބާޕޭގެ އެއްބަސްވުން އާކޮށްގެން ޕީއެސްޖީން ކުރަން އުޅޭ ކަމަކީ ފުޓްބޯޅައަށް ކުރާ ފުރައްސާރައެއް ކަމަށެވެ.

މިދިޔަ މަހު ސްޕެއިންގެ ފުޓްބޯޅަ ތަޖުރިބާކާރު ގުއިލެމް ބަލާގޭ ބުނި ގޮތުގައި ޕީއެސްޖީ އޮތީ އެމްބާޕޭ އިތުރު ދެ ސީޒަނަށް ބެހެއްޓުމަށް 150 މިލިޔަން ޔޫރޯގެ ފީއެއް ހުށަހަޅަން ތައްޔާރަށެވެ. އެއާއެކު ސްޕެއިނަށް ބަދަލުވުމަށް ރެއާލާއެކު މީގެ މަސްތަކެއް ކުރިން ފައިނޭންޝަލް ޕެކޭޖަކަށް އެމްބާޕޭ އެއްބަސްވި ނަމަވެސް، ކާލޯ އެންޗެލޮޓީގެ ޓީމާ ނުގުޅެން އޭނާ ވަނީ ނިންމާފައެވެ.

އެމްބާޕޭ އެންމެ ފުރަތަމަ ޕީއެސްޖީއާ ގުޅުނީ 2017 ވަނަ އަހަރު މޮނާކޯ ދޫކޮށް ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެކަމަކު 2018 ވަނަ އަހަރު ޕީއެސްޖީން ވަނީ 145 މިލިޔަން ޔޫރޯ ދެއްކުމަށްފަހު އެމްބާޕޭގެ އެއްބަސްވުން ދާއިމީކޮށްފައެވެ.

އެމްބާޕޭ ވަނީ މިހާތަނަށް ޕީއެސްޖީގައި ހޭދަކުރި ފަސް ސީޒަނުގައި އެ ޓީމާއެކު ފްރެންޗް ލީގު ހަތަރު ފަހަރު ކާމިޔާބުކޮށްފައެވެ. އަދި ވަނީ އެ ޓީމާއެކު ފްރެންޗް ކަޕް ތިން ފަހަރު އަދި ފްރެންޗް ލީގު ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައެވެ.