އިޓާލިއަން ލީގުގައި ޓޮރީނޯއާ ދެކޮޅަށް ކުޅުނު މެޗު އޭއެސް ރޯމާއިން ކާމިޔާބުކޮށްފިއެވެ.
މި ސީޒަންގެ ލީގު ފަހު މެޗް ރޯމާއިން ކާމިޔާބުކުރީ ރަށުން ބޭރުގައި ކުޅެ 3-1 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ޓޮރީނޯއިން ގިނައިރު ބޯޅާ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ރޯމާއިންނެވެ. މިމެޗްގައި ރޯމާގެ ފުރަތަމަ ލަނޑު މެޗްގެ 33 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޓެމީ އަބްރަހަމްއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 42 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީވެސް އަބްރަހަމްއެވެ.
މިމެޗްގައި ކާމިޔާބުކުރި ދެލަނޑާއެކު އަބްރަހަމް ވެފައިވަނީ އިޓާލިއަން ލީގުގެ ސީޒަނެއްގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި އިނގިރޭސި ކުޅުންތެރިޔާއަށެެވެ. އޭނާ ވަނީ މިސީޒަންގެ އިޓާލިއަން ލީގުގައި 17 ލަނޑު ރޯމާއަށް ކާމިޔާބުކޮށްދީފައެވެ. މީގެކުރިން އެންމެ ގިނަ ލަނޑު އިޓާލިއަން ލީގުގައި ޖަހާދީފައިވަނީ 1961 ވަަނަ އަހަރުގެ ސީޒަންގައި އިންޓަރ މިލާނަށް ކުޅުނު ގެރީ ހިޗެންސްއެވެ. އޭނާ ވަނީ 16 ލަނޑު އެފަހަރުގެ ސީޒަންގައި ޖަހާފައެވެ.
ރޭ ކުޅުނު މެޗްގައި ރޯމާއިން ކާމިޔާބުކުރި ތިންވަނަ ލަނޑު 78 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ލޮރެންޒޯ ޕެލެގްރީނީއެވެ.
މިކާމިޔާބީއާއެކު ރޯމާއިން ލީގު ނިންމާލީ ތާވަލްގެ ހަވަނައިގަައި އޮވެގެންނެވެ. ނަމަވެސް ރޯމާ މިސީޒަންގައި ކުޅޭ ފަހު މެޗަށް ވެގެންދާނީ މި އަންނަ ބުދަދުވަހުގެރޭ ޔުއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ފައިނަލގައި ފަޔެނޯޑާ ދެކޮޅަށް ކުޅޭ މެޗެވެ.