ކުޅިވަރު

ލީގުގައި ޗެމްޕިއަން ރެއާލް ކުޅުނު ފަހު މެޗު އެއްވަރު


ސްޕެނިޝް ލީގުގައި ޗެމްޕިއަން ރެއާލް މެޑްރިޑް ކުޅުނު ފަހު މެޗު އެއްވަރުވެއްޖެއެވެ.

ރެއާލުގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ ދެ ޓީމުން ކުރި ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

މި މެޗު ފެށުމުގެ ކުރިން ދެ ޓީމުންވެސް ވަނީ ދެ ޓީމަށް މި ސީޒަންގައި ހޯދާފައިވާ ކާމިޔާބީއަށް އިހުތިރާމް އަދާކޮށްފައެވެ. އެގޮތުން ސްޕެނިޝް ކަޕުގެ ޗެމްޕިއަނުން ކަމަށްވާ ބެޓިސްއަށް އެންމެ ފުރަތަމަ ރެއާލްއިން ގާޑް އޮފް އޮނާއެއް އެރުވިއިރު، ބެޓިސްއިން ވަނީ ލަލީގާގެ ޗެމްޕިއަން ރެއާލަށް ގާޑް އޮފް އޮނާއެއް އަރުވާފައެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ރެއާލުންނެވެ. މި މެޗަށް ރެއާލުން ނެރެފައިވަނީ އެ ޓީމުގެ އެންމެ ވަރުގަދަ ޓީމެވެ. ނަމަވެސް މި މެޗުގައި ރެއާލަށް ބެޓިސްގެ ޑިފެންސް ފޫއަލުވާލެވޭގޮތެއް ނުވިއެވެ. މި މެޗްގައި ލަނޑެއް ޖެހުމާއި އެންމެ ގާތަށް ދިޔައީ ބެޓިސްއެވެ. އެގޮތުން ސްޕެނިޝް ލީގުގައި 600 ވަނަ މެޗު ކުޅެމުންދިޔަ ބެޓިސްގެ ހޯކިމް ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ.

މި މެޗް އެއްވަރުވުމުން މި ފަހަރުގެ ސީޒަން ރެއާލް ނިންމާލީ 38 މެޗް ކުޅެ 86 ޕޮއިންޓާއެކުއެެވެ. ނަމަވެސް ރެއާލްއަށް މިފަހަރުގެ ސީޒަން އެއްކޮށް ނިމިގެންދާނީ މިމަހުގެ 28 ވަނަ ދުވަހު ޔުއެފާ ޗެމްޕިއަން ލީގުގައި ލިވަޕުލާ ދެކޮޅަށް ކުޅޭ މެޗަށް ފަހުއެވެ. އަދި ބެޓިސް ސީޒަން ނިންމާލީ 65 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައިގައި އޮވެގެންނެވެ.