ކުޅިވަރު

ފުރަތަމަ މެޗުން ބަލިވި ނަމަވެސް ޓީމުގެ ރޫހު ރަނގަޅު: ޖެސިކް


އޭއެފްސީ ކަޕުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް ޓީމުގެ ރޫހު ރަނގަޅު ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު މަޔޮޑްރަގް ޖެސިކް ބުނެފިއެވެ.

އޭއެފްސީ ކަޕުގެ ފުރަތަމަ މެޗުގައި މިދިޔަ ބުދަ ދުވަހުގެރޭ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އަތުން މާޒިޔާ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި މާޒިޔާގެ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ކަމަށާއި، ޓީމަށް ދިމާވި ހަމައެކަނި މައްސަލައަކީ ލަނޑު ޖެހުމުގެ މައްސަލަ ކަމަށް އެ މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖެސިކް ވަނީ ފާހަގަކޮށްފައެވެ.

އޭއެފްސީ ކަޕްގެ ދެވަނަ މެޗުގައި ހޮނިހިރު ދުވަހުގެރޭ މާޒިޔާ ބައްދަލުކުރާނީ އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ގޯކުލަމް ކެރެލާއާ ދެކޮޅަށެވެ.

އެ މެޗުގެ ކުރިން ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޖެސިކް ބުނީ ފުރަތަމަ މެޗުން ބަލިވި ނަމަވެސް ޓީމު ރޫހު ރަނގަޅު ކަމަށެވެ. އަދި މުބާރާތުގައި ކުރިއަށް ދިޔުމާއި ނުދިޔުން ބަރޯސާވެފައި އޮތީ ގޯކުލަމް މެޗުން ކަމަށްވާތީ، މި މެޗަށް ޓީމުން އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށް ޖެސިކް ބުންޏެވެ.

ޖެސިކް ބުނީ މާޒިޔާއަށް ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އެކަށީގެންވާ ނަތީޖާއެއް ނުނެރެވި އޮތުމުން، އެ ޓީމަކީ ފޭވަރިޓުންނަށް ނުވެދާނެ ކަމަށެވެ. އަދި މީޑިއާތަކުން މާޒިޔާ ދަށްކޮށް ދެކުން އެއީ ލިބޭ ފައިދާއަކަށް ވެދާނެ ކަމަށްވެސް ބުންޏެވެ. އަދި މި ގްރޫޕްގެ ފޭވަރިޓުންނަށް ނުވުމުން އެ ޕްރެޝަރު މާޒިޔާގެ ނެތް ކަމަށްވެސް ޖެސިކް ވަނީ ބުނެފައެވެ.

ޖެސިކް އިތުރަސް ބުނީ މުބާރާތަށް އައިއިރުވެސް ގޯކުލަމްގެ ފެންވަރު އެނގޭ ކަމަށެވެ. އެކަމަކު މި މެޗުގައިވެސް މާޒިޔާގެ ފަރާތުން ފެންނާނީ ބަޝުންދަރާ މެޗުގައި ފެނުނުކަހަލަ އެޓޭކިން ގޭމެއް ކަމަށާއި، އެ މެޗުގައި ހެދުނު ގޯސްތައް ތަކުރާރުވިޔަ ނުދޭން މަސައްކަތް ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މި މެޗަށް ނުކުންނައިރު ގޯކުލަމް ކެރެލާއިން ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަަމަ މެޗުން އޭޓީކޭ މޯހަން ބަގާން އަތުން 4-2 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މާޒިޔާ އާއި ގޯކުލަމް ކެރެލާ ބައްދަލުކުރާ މެޗު ފަށާނީ ހޮނިހިރު ދުވަހުގެރޭ ރާއްޖެ ގަޑިން 20:00 ގައެވެ.