އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އާއި ބާންލީ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
ވިލާގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރުވެގެންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ވިލާއިންނެވެ. އެކަމަކު މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 45 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށް، ލީޑު ނަގާފައިވަނީ ބަރންލިއިންނެވެ. މިޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ އޭޝްލީ ބަރންސްއެވެ.
މިމެޗްގައި ވިލާއިން އެއްވަރުކުރި ލަނޑު ދެވަނަ ހާފްގެ ކުޅުން ފެށިތާ ތިންވަނަ މިނެޓްގައި ޖަހާދިނީ އެމިލިއާނޯ ބުއެންޑިއާއެވެ. އޭގެ ފަހުން މިމެޗްގައި ވިލާއިން ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ތަނަވަސް ކުރި ނަމަވެސް، މިއިން އެއްވެސް ހަމަލާއެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. އަދި ބަރންލީގެ ގޯލްކީޕަރު ނިކް ޕޯޕް ވަނީ ގިނަ ހަމަލާތަކެއް ދިފާއުވެސް ކޮށްފައެވެ.
މިމެޗް އެއްވަރު ވުމުން ފަހު މެޗަށް ނިކުންނައިރު ރެލިގޭޝަނުން ސަލާމަތްވުމުގެ އަމިއްލަ ބާރު ބަރންލީއަށް އެބައޮތެވެ. އެއީ ކުޅުނު 37 މެޗުން 35 ޕޮއިންޓް ލިބި 18 ވަނައިގާ އުޅޭ ލީޑްސް އަށް ވުރެ ގޯލްގެ ތަފާތުން ކުރި ހޯދައިގެންނެވެ. މި ދެ ޓީމްގެ މެދުގައި 20 ގޯލްގެ ތަފާތެއް އެބައުޅެއެވެ. އެގޮތުން ބަރންލީއަށް މައިނަސް 18 ގޯލް އުޅޭއިރު، ލީޑްސްގެ މައިނަސް 38 ގޯލް އެބައޮތެވެ.