އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީއާ އެއްވަރުވެ ތާވަލުގެ ތިންވަނަ ޗެލްސީން ކަށަވަރުކޮށްފިއެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
އަދި މިހާރު ކޮންމެ ޓީމަކަށް ބާކީ އެއްމެޗް އޮތްއިރު ޗެލްސީއަށް ހަތަރު ވަނައިގާ އުޅޭ ޓޮޓްނަމް ހޮޓްސަޕަރއަށް ވުރެ ތިން ޕޮއިންޓް އިތުރަށް ލިބުމުގެ އިތުރުން، ދެކްލަބްގެ ދެމެދުގައި ފައިދާ 16 ގޯލްގެ ތަފާތު އޮތުމުން ޗެލްސީއަށް ވުރެ ކުރިއަށް ސްޕަރސްއަށް ނޭރޭނެކަން މިހާރުވަނީ ކަށަވަރު ވެފައެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅާ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީއިންނެވެ. ނަމަވެސް މިމެޗްގެ ފެށުން ރަނގަޅު ވެގެންދިޔައީ ލެސްޓަރގެއެވެ. އެގޮތުން މެޗްގެ 6 ވަނަ މިނެޓްގައި ޖޭމްސް މެޑިސަން ޖަހާދިން ލަނޑާއެކު ލެސްޓަރއިން ވަނީ ލީޑު ނަގާފައެވެ.. މިމެޗްގައި ޗެލްސީން ނަތީޖާ އެއްވަރުކުރި ލަނޑު ޖަހާފައިވަނީ މެޗްގެ 34 ވަނަ މިނެޓްގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މާކޮސް އެލޮންސޯއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗް ތޯމަސް ޓުކެލް ހާމަކުރިގޮތުގައި އެންގޯލޯ ކާންޓޭއާ ނުލައި ސީޒަންގެ ބޮޑުބައި ހޭދަކުރުމާއެކުވެސް ތާވަލްގެ ތިންވަނަ ލިބުމަކީ އަޖައިބެއް ކަމަށެވެ. އަނިޔާގެ ގިނަ މައްސަލަތަކެއް މިސީޒަންގައި ކުރިމަތިވެފައިވާ ކާންޓޭއަށް މިސީޒަންގައި ބައިވެރިވެވިފައިވަނީ 40 އިންސައްތަ މެޗްތަކުގައެވެ. ޓުކެލް ބުނީ ކާންޓޭއަކީ ޗެލްސީގެ އެންމެ މުހިންމު ކުޅުންތެރިޔާއަށް ވީއިރު އޭނާ ނެތި ސީޒަންގެ ބޮޑު ބައިދިއުމާއެކުވެސް މިއީ ރަނގަޅު ނިމުމެއް ކަމަށެވެ.
ޗެލްސީއަށް މިކާމިޔާބީއާއެކު މިހާރު ވަނީ ކުޅުނު 37 މެޗުން 71 ޕޮއިންޓް ލިބިފައެވެ. ސްޕަރސްއަށް ލިބިފައިވަނީ 68 ޕޮއިންޓެވެ. އަދި ލެސްޓަރ އޮތީ ލިބިފައިވާ 49 ޕޮއިންޓާއެކު ތާވަލްގެ 9 ވަނައިގައެވެ.